2016 ވަނަ އަހަރުގެ އޯލެވެލް އިމްތިޙާނު ދުނިޔޭގެ އެންމެ މޮޅު ނަތީޖާ ހޯދިދަރިވަރުންގެ ތެރޭގައި ރާއްޖޭގެ 48 ދަރިވަރަކު ހިމެނިއްޖެއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ޓޮޕްއެޗީވަރސް އެވޯޑް ހަފްލާގައި ވާހަކަފުޅުދައްކަވަމުން  އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޝިހާމް ވިދާޅުވީ،  މިއީ ދިވެހިރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ޙާޞިލުކުރި ޤައުމީ ރެކޯޑެއް ކަމަށެވެ.

“ވަކިނިޒާމެއްގެ ދަށުން ރާއްޖޭގެ ސްކޫލު ތަޢުލީމު، ފޯރުކޮށްދޭން ފެށިފަހުން، ވޭތުވެދިޔަ 84 އަހަރުގެ ތެރޭގައި ހޯދި އެންމެ ފަޚުރުވެރި ނަތީޖާ ހާސިލްކުރީ މިދިޔަ އަހަރު”  މިނިސްޓަރ ޝިހާމް ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ މޮޅު ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ދިވެހި 48 ދަރިވަރުން ހިމެނިފައިވާއިރު، އިނގިރޭސި، ހިސާބު އަދި އެކައުންޓިން އިން މުޅި ދުނިޔެއިން އެއް ވަނަ ހޯދި ދަރިވަރުންގެ ތެރޭގައި ދިވެހި ކިޔަވާކުދިން ހިމެނުނު ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިދިޔަ އަހަރުވެފައިވަނީ، ތަޢުލީމީ ދާއިރާއަށް ނުހަނު ކާމިޔާބު އަހަރެއްގެ ގޮތުގައިކަން ސިފަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މިފަހަރު މި ހޯދި ކާމިޔާބީންވެސް ހާމަ ކޮށްދެނީ މުޅި ތަޢުލީމީ ދާއިރާއަށް އަންނަ ކުރިއެރުންތައް ކަމަށެވެ.

“އަދި މި 84 އަހަރުގެ ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ސްކޫލް ތައުލީމަށް ގެނެވިފައިވަނީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައިކަން ފާހަގަކޮށްލާހިތްވަނީ ނުހަނު ފަހުރުވެރިކަމާއިއެކު. ހަމައެކަނި ފަސް މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް ވޭތުވެދިޔަ ތިން އަހަރު ތެރޭ 18 ޕޮއިންޓައް ވަނީ މަތިކުރެވިފައި.” މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރު ރާއްޖޭގެ އެކި ހިސާބުތަކުން ޖުމްލަ 5،492 ދަރިވަރުން ސާނަވީ ތައުލީމް ނިންމާފައިވެ އެވެ.

ރޭ ބޭއްވި ޓޮޕްއެޗީވާސް އެވޯޑް ހަފްލާގައި ޤައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންގެ އިތުރުން، ވަކިވަކި މާއްދާތަކުން ދުނިޔޭން އެއްވަނަ ހާސިލްކުރި ދަރިވަރުންނާއި، އެކި މާއްދާތަކުން ހައި އެޗީވަމަންޓް ހާސިލް ކުރި ދަރިވަރުންނާއި، ސާނަވީ އިމްތިހާންތަކުން ފަޚުރުވެރި އެއްވަނަ ހާސިލްކުރި ދަރިވަރުންނަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އެޑިއުކޭޝަން މިނިސްޓްރީންދޭ އިނާމާއި، އެވޯޑް ވަނީ ދީފައެވެ.

VN:F [1.9.22_1171]
Rating: 0.0/10 (0 votes cast)
VN:F [1.9.22_1171]
Rating: 0 (from 0 votes)

Comment