English Edition
Dhivehi Edition

ގއ. ކަނޑުހުޅުދޫގައި ޖިންސީ އަނިޔާގެ ޝިކާރައަކަށް ވި ދެ އަހަރު ނުފުރޭ އަންހެން ކުއްޖާ އަށް އެއްވެސް ގެއްލުމެއް ވި ތޯ ސުވާލު އުފެއްދި އެމްޑީޕީގެ ކެންޑިޑޭޓަކަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވުމުން އެ ޕާޓީން މައްސަލަ ބަލަން ނިންމައިފި އެވެ.

އެމްޑީޕީ އިން މިއަދު ކުރި ޓުވިޓެއްގައި ބުނީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ހުއްޓުވުމަކީ އެ ޕާޓީގެ އެންމެ މައި އެއް ވިސްނުންކަމަށެވެ. އަދި އެ ފަދަ މީހުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދައްކާ އަދި އަމަލުތައްކުރާ މެމްބަރުން ދެނެގަތުމަށް ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއިން ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.

ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމާއި ގުޅިގެން އެމްޑީއިން މައްސަލަ ބަލަން ނިންމާފައިވާ މަދީހާ އަބްދުﷲ އަކީ ކުޑަ ކުއްޖާ އަށް ޖިންސީގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ ކާފަގެ ކޮއްކޮ އެކެވެ.ކުއްޖާއަށް ޖިންސީ އަނިޔާ ކުރި މީހުންގެ ދިފާއުގައި ‘ސަން’ އާއި ވާހަކަދައްކަމުން މަދީހާ ވަނީ ހަގީގަތުގައިވެސް ކުއްޖާއަށް ޖިންސީ އަނިޔާކޮށްފައިވޭތޯ ސުވާލުކޮށްފައެވެ. މީގެ އިތުރުން މަދީހާ ވަނީ ކުއްޖާ މަންމަގެ ފަރާތު އާއިލާއަށްވެސް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.

ކުއްޖާއަށް ލިބުނު އަނިޔާތަކާއި މެދު ސުވާލު އުފައްދަމުން މަދީހާ ވަނީ ދެއަހަރު ކުއްޖަކު ތިން ފިރިހެނަކު ވެގެން ރޭޕް ކުރި ނަމަ އެކުއްޖާ އެހެން އުޅޭނެތޯ ސުވާލުކޮށްފައެވެ. އަދި އެކުއްޖާއަށް މިހާރު ފަރުވާ ދިނުމަށްފަހު މާލެއިންވެސް ދޫކޮށްލާފައިވާކަން ފާހަގަކޮށް މަދީހާވަނީ އެވަރުވީ ނަމަ ކުއްޖާ ދޫކޮށްލާނެތޯއާއި އެ ވަރުވިނަމަ އެކުއްޖާ ދުނިޔޭގައި އޮންނާނެތޯ ސުވާލުކޮށްފައެވެ.

މީގެ އިތުރުން މަދީހަ ބުނީ މި މައްސަލަ ބޮޑު ކުރީ މީޑިއާތަކުން ކަމަށާއި މިއީ ޓެރަރިސްޓް އަމަލެއްކަމުގައެވެ. އަދި ކުއްޖާގެ އާއިލާގެ މައުލޫމަތު ދިން މީހާއަށް ޓެރަރިޒަމްގެ ދައުވާ ކުރަން ޖެހޭކަމަށް މަދީހާ ވަނީ ބުނެފައެވެ