English Edition
Dhivehi Edition
އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އަންހެނުން ޚިތާނުކުރުމާއި ގުޅިގެން ފަތުވާ މަޖިލީހުގެ ލަފަޔަކަށް އެދުނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެދުމަކަށް ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ބުނެފި އެވެ.

އަންހެނުން ޚިތާނުކުރުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީ އިން ފަތުވާއަކަށް އެދުނު ކަމަށް ބުނެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ވާހަކައާއި ގުޅިގެން އެ މިނިސްޓްރީ އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ މަސްޢޫލިއްޔަތު ޤާނޫނީ ގޮތުން އޮންނަ ފަރާތަކީ އެޗްޕީއޭ ކަމަށާއި، އިސްލާމް ދީނުގައި އަންހެނުން ޚިތާނު ކުރުމާއި ގުޅޭގޮތުން ދީނީ ގޮތުން އޮންނަ ގޮތް އޮޅުންފިލުވައި ދެއްވުމަށް އެދި އެޗްޕީއޭ އިން ފަތުވާއަކަށް އެދިފައިވާ ކަމަށެވެ.

އަދި ދީނީ ގޮތުން މައްސަލައެއް އޮޅުފިލުވައިދނުމަށް އެ މިނިސްޓްރީގެ ފަރާތުން ފަތުވާ މަޖިލީހުގައި ހަމައެކަނި އެދެވޭނެ ފަރާތަކީ، އެއިރެއްގައި އިސްލާމިކް މިނިސްޓްރީ ހިންގެވުމާއި ހަވާލުވެ ހުންނަވާ އެންމެ އިސް ފަރާތް ކަމަށްވާތީ، އެޗްޕީއޭގެ އެދުމުގެ މަތިން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ، ދީނީ ގޮތުން އަންހެނުން ޚިތާނުކުރުމާއި ގުޅޭގޮތުން އޮންނަ ރަޢުޔު ބަޔާންކޮށްދިނުމަށް ފަތުވާ މަޖިލީހުގައި ދަންނަވާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ އަންހެނުން ޚިތާނުކުރުމާއި ގުޅޭގޮތުން ފަތުވާއަކަށް އެދިފައިވަނީ އެ މިނިސްޓްރީގެ ބޭނުމަކަށް ކަމަށް ބައެއް ފަރާތްތަކަށް ހީވެފައިވިޔަސް، އެއީ އެއްވެސް ޙާލެއްގެ އެ މިނިސްޓްރީގެ ބޭނުމަކަށް އެދިފައިވާ ފަތުވާއެއް ނޫން ކަމަށެވެ. އަދި އެ މިނިސްޓްރީ އަކީ ރައްޔިތުންނަށް ދީނީ ގޮތުން އޮޅުންއަރާ ކޮންމެ ކަމެއްގައި ރައްޔިތުން ބޭނުންވެއްޖެ ކޮންމެ ހިނދަކު އެކަމެއްގައި ދީނީ ގޮތުން އޮންނަ ގޮތް ބަޔާންކޮށްދޭ ފަރާތް ކަމުގައިވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތަނުގައިވެސް އެ މިނިސްޓްރީ އަށް ހުށަހެޅޭ ދީނީ މައްސަލަތައް އޮޅުންފިލުވައި ދިނުމަށް، އެ އޮންނަ އުސޫލެއްގެ ދަށުން ޢަމަލުކުރަމުންދާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެޗްޕީއޭގެ ޑިރެކްޓަރ ޖެެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު އަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ފޮނުއްވި ސިޓީއެއްގައި ވަނީ އަންހެނުން ޚިތާނުކުރުމާއި ގުޅޭގޮތުން ފަތުވާއަކަށް އެދި އެޗްޕީއޭ އިން އިސްލާމިކް މިނިސްޓްރީ އަށް ފޮނުވި ސިޓީ ބާތިލްކޮށް، އެކަން އިސްލާމިކް މިނިސްޓްރީ އަށް އެންގުމަށް ދަންނަވައިފަ އެވެ.

އަދި އަންހެނުން ޚިތާނުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި، އެއީ ސަރުކާރުން ހިތްވަރުދޭ ކަމެއްވެސް ނޫން ކަމަށާއި އަދި އެކަމަކީ ލަފައެއް ހޯދަންޖެހޭ ޙާލަތެއް އޮތް ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް މިނިސްޓަރ އަމީންގެ ސިޓީގައި ބަޔާންކުރައްވާފައި ވެއެވެ.