English Edition
Dhivehi Edition
އަލްޒައިމާސް ބަލި ޖެހިފައިވާ އުމުރުން ދުވަސްވީ މީހަކު ކުރަހަނީ - ފޮޓޯ: ގޫގުލް

ލިޔަން ކިޔަން ދަންނަ މީހުންނަށްވުރެ ލިޔަން ކިޔަން ނުދަންނަ މީހުންނަށް، ސިކުނޑީގެ ސެލްތައް ހަލާކުވުމުން ޖެހޭ ހަނދާން ނެތޭ ބަލި ނުވަތަ ޑިމެންޝިއާ ،ޖެހުމުގެ ފުރުސަތު ގާތްގަނޑަކަށް ތިންގުނަ އިތުރުވެގެންދާ ކަމަށް ދާދިފަހުން ކުރި ދިރާސާއަކުން ދައްކައިފި އެވެ. އެ ދިރާސާ ޝާޢިއުކޮށްފައި ވަނީ އެމެރިކަން އެކެޑެމީ އޮފް ނިއުރޯލޮޖީގެ މެޑިކަލް ޖާނަލްގަ އެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެޑިއުކޭޝަނުން ބުނާ ގޮތުގައި އެޤައުމުގެ އާބާދީގައި ބޮޑެތި މީހުންގެ ތެރެއިން ގާތްގަނޑަކަށް 32 މިލިއަން މީހުންނަކީ ލިޔަން ކިޔަން ނުދަންނަ މީހުންނެވެ.

“ލިޔަން ކިޔަން އެނގުމުން ނޫސް ކިޔުމާއި ދަރިންނާއި ކާފަދަރިންގެ ހޯމްވޯކު ހެދުމުގައި އެހީތެރިވެދިނުން ފަދަ ސިކުނޑީގެ ބޭނުންކުރާ ކަންތައްތަކުގައި ބައިވެރިވުމުގެ ފުރުސަތު މީހުންނަށް ލިބިގެންދޭ”، މި ދިރާސާގެ ލިޔުންތެރިއެއް ކަމުގައިވާ ނިއު ޔޯކްގެ ކޮލަމްބިއާ ޔުނިވަރސިޓީ އޮފް ވެގެލޮސް ކޮލެޖް އޮފް ފިޒީޝަންސް އެންޑް ސާޖަންސްގެ ޕްރޮފެސަރެއް ކަމުގައިވާ ޖެނިފަރ މޭންލީ ވިދާޅުވި އެވެ.

މޭންލީ ވިދާޅުވީ ކުރީގެ ދިރާސާތަކުން ވަނީ ޑިމެންޝިއާ ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަންތައްތައް ހޯދާފައި ކަމަށާއި، ނަމަވެސް ދުޅަހެޔޮ ސިކުނޑިއެއް ދެމެހެއްޓުމަށްޓަކައި ލިޔަން ކިޔަން އެނގުމަކީ މުހިންމުކަމެއް ކަމަށް އާ ދިރާސާއިން ދައްކާފައިވާ ކަމަށެވެ. މި ދިރާސާގައި ބައިވެރިވެފައި ވަނީ އުތުރު މެންހެޓަންގައި ދިރިއުޅުނު ތަޢުލީމީ ފެންވަރު ދަށް މީހުންނެވެ.

އެގޮތުން ދިރާސާވެރިން ވަނީ ކޮންމެ މީހެއްގެ ކައިރިން “ދުވަހަކުވެސް ލިޔަން ނުވަތަ ކިޔަން ދަސްކުރިތޯ؟”، ސުވާލު ކޮށްފަ އެވެ. އެއަށްފަހު ދެ ގްރޫޕަކަށް މީހުން ބަހާލިއިރު ލިޔަން ކިޔަން ދަންނަ މީހުންގެ ގްރޫޕްގައި ތިބީ 746 މީހުންނެވެ. އަދި ލިޔަން ކިޔަން ނުދަންނަ މީހުންގެ ގްރޫޕްގައި 237 މީހަކު ތިއްބެވެ.

ބައިވެރިން ވަނީ ދިރާސާ ފެށުނުއިރާއި، 18 މަސް ފަހުން އަދި ދެ އަހަރު ފަހުން ހަނދާނާއި ވިސްނުމުގެ ޓެސްޓުތަކާއި ސިއްޙީ ބައެއް ޓެސްޓުތައް ހަދާފައެވެ.

ޓެސްޓުތަކުގައި ނުގުޅޭ ބަސްތައް ހަނދާން ކުރުމާއި، މޭވާ ނުވަތަ ހެދުން ފަދަ ކެޓަގަރީއެއް ދިނުމުން އެކަމަކާއި ގުޅޭ ވީހާވެސް ގިނަ ބަސްތައް ބުނުންފަދަ ޙަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ދިރާސާވެރިން ހޯދާފައިވާ ގޮތުގައި ލިޔަން ކިޔަން ނުދަންނަ 237 މީހުންގެ ތެރެއިން 83 މީހުން (35% މީހުން) އަށް ވަނީ ދިރާސާ ފެށިއިރުވެސް ޑިމެންޝިއާ ޖެހިފަ އެވެ.

އަދި ލިޔަން ކިޔަން ދަންނަ 746 މީހުންގެ ތެރެއިން 18 އިންސައްތަ، ނުވަތަ 134 މީހުންނަށް ދިރާސާ ފެށުނުއިރު ވަނީ ޑިމެންޝިއާ ޖެހިފައެވެ. އަދި އުމުރާއި ދިރިއުޅުމުގެ ހާލަތާއި ހިތުގެ ބަލިތައްފަދަ ކަންކަމަށް ބެލުމަށްފަހު، ދިރާސާ ފެށުނުއިރުވެސް ލިޔަން ކިޔަން ނުދަންނަ މީހުންނަށް ޑިމެންޝިއާ ޖެހުމުގެ ނުރައްކާ ތިން ގުނައަށް ބޮޑުކަމަށް ވަނީ ހޯދާފައެވެ.

ދިރާސާ ފެށިއިރު ޑިމެންޝިއާ ޖެހިފައިވާ ނުވަ މީހުންގެ ތެރެއިން، އެވަރެޖުކޮށް ހަތަރު އަހަރު ފަހުން އަލުން ޗެކްކުރިއިރު، ލިޔަން ކިޔަން ނުދަންނަ 237 މީހުންގެ ތެރެއިން 114 މީހަކަށް (48%) ޑިމެންޝިއާ ޖެހިފައިވާ ކަމަށް ވަނީ ހޯދިފައެވެ. އަދި ލިޔަން ކިޔަން ދަންނަ 746 މީހުންގެ ތެރެއިން ޑިމެންޝިއާ ޖެހުނީ 201 ނުވަތަ 27% މީހުންނަށެވެ.

އުމުރާއި، ދިރިއުޅުމުގެ ފެންވަރުގެ އިތުރުން ހިތުގެ ބަލިތަކަށް އެޖަސްޓްކުރުމަށްފަހު ދިރާސާވެރިން ހޯދާފައިވާ ގޮތުގައި ލިޔަން ކިޔަން ނުދަންނަ މީހުންނަށް ދިރާސާ ކުރިއަށްގެންދިޔަ މުއްދަތުގެ ތެރޭގައި ޑިމެންޝިއާ ޖެހުމުގެ ފުރުސަތު ދެގުނަ ބޮޑެވެ.

ބަހާއި ސްޕީޑް އަދި ސްޕޭޝަލް އާއި ރީޒަނިންގެ ހުނަރުތަކަށް ބެލުމަށްފަހު ދިރާސާވެރިން ހޯދާފައިވާ ގޮތުގައި ލިޔަން ކިޔަން ނުދަންނަ މީހުންނަށް ދިރާސާ ފެށިއިރު ޓެސްޓުތަކުން ލިބުނު މާކުސް އެހެން މީހުންނަށްވުރެ ދަށެވެ. އެހެންނަމަވެސް ދިރާސާ ކުރިއަށްގެންދިޔަ މުއްދަތުގެ ތެރޭގައި އެމީހުންގެ ސްކޯތައް އެހާ އަވަހަށް ދަށްވެފައި ނުވާ ކަމަށްވެސް ދިރާސާވެރިން ބުނެއެވެ.

މޭންލީ ވިދާޅުވީ އެމީހުން ދިރާސާއިން ހޯދި ގޮތުގައި ލިޔަން ކިޔަން އެނގުމަކީ ބަހާއި ކިޔުމުގެ ޓެސްޓުތަކުގެ އިތުރުން، ހަނދާނާއި ވިސްނުމުގެ ބާރު ދެނެގަތުމުގެ ޓެސްޓުތަކުގައިވެސް މަތިން މާކުސް ހޯދުމާއި ގުޅުންހުރި ކަމެއް ކަމަށެވެ.

އެހެންކަމުން މި ނަތީޖާތަކުން އެނގެނީ ކިޔުމަކީ ޑިމެންޝިއާ ޖެހުމުގެ ފުރުސަތު ކުޑަކޮށްދީ ނުވަތަ ލަސްކޮށްދޭނެ ފަދަ ގިނަ ގޮތްގޮތުން ސިކުނޑި ވަރުގަދަކޮށްދޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި މަދު އަހަރުތަކެއްގެ ތަޢުލީމާއެކުވެސް ލިޔަން ކިޔަން ދަސްކުރާ މީހުންނަށް، އެ ހުނަރުތައް ދަސްނުކުރާ މީހުންނާ އަޅާބަލާއިރު ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށްވެސް މޭންލީ ވިދާޅުވި އެވެ.