English Edition
Dhivehi Edition

ހުޅުމާލޭގައި ޔުކްރެއިންގެ އަންހެނަކު ހިނގާފައި ދަނިކޮށް އެމްޓީސީސީގެ ބަހަކު ޖެހި އޭނާ މަރުވި މައްސަލާގައި، އެ ބަސް ދުއްވަން އިން ޑްރައިވަރުގެ ލައިސަންސް ޓްރާންސްޕޯޓް މިނިސްޓްރީން ހިފަހައްޓައިފި އެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މި މަހުގެ ހަ ވަނަ ދުވަހު ހިނގި އެކްސިޑެންޓަށްފަހު، ކޯޓް މަރުހަލާ ނިމެންދެން ވަކި މުއްދަތެއް ނެތް ގޮތަށް ޑްރައިވަރުގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަކަށް ފުލުހުން އަދި ނުފޮނުވަ އެވެ.

ހުޅުމާލޭގައި އަލަށް ހަދާފައިވާ ލޯކަލް މާރުކޭޓުގެ ކަންމަތީގައި ހިނގި އެކްސިޑެންޓުގައި މަރުވީ ޖޮގިން އަށް ނިކުމެ އުޅުނު 31 އަހަރުގެ އަންހެނެކެވެ. އޭނާގެ ހަށިގަނޑުގެ ބޮޑުބައެއް ޗިސްވެފައިވާއިރު، ލަންކާ އަށް ގެންގޮސް އޭނާގެ ހަށިގަނޑު ވަނީ އަންދާލައިފަ އެވެ.

ހެނދުނު ޖޮގިން އަށް ނުކުމެ އުޅެނިކޮށް އަންހެންމީހާ މަރުވީ ޑްރައިވަރު ނިދިޖެހިފައި އިނދެފައި ސިއްސައިގެން ގޮސް ސްޕީޑް ބާރުކޮށްލެވި ކޮންޓްރޯލުން ނެއްޓި އަންހެން މީހާގެ ގައިމަތިން ބަސް ދިއުމުންނެވެ. އެކްސިޑެންޓާ ގުޅިގެން ޑްރައިވަރު ހައްޔަރުކޮށް ބަންދުގެ މުއްދަތު ވެސް އިތުރުކުރި އެވެ. ނަމަވެސް މިދިޔަ ހަފުތާގައި އޭނާ ވަނީ ދޫކޮށްލައިފަ އެވެ.