English Edition
Dhivehi Edition
އައްޑޫ މީދޫ ކޯއްގަންނު-- ފޮޓޯ: ނާޖިލާ

މައުލޫމާތު : ޝައިޚް މުޙައްމަދު ތައްޔިބް

ޤަބުރުމަތީ އެންމެފުރަތަމަ ޟަރީޚެއް (tomb) ރަސްމީ ސިފައެއްގައި ބިނާ ކުރެވިފައިވަނީ ޢައްބާސީ ޚަލީފާ މުންތަޞިރުގެ މަހާނަކޮޅުގައެވެ. މިމަހާނަކޮޅު މިފަދައިން ބިނާކުރެއްވީ ޚަލީފާގެ މަންމާފުޅުކަމާއި މިމަންމާފުޅަކީ ރޫމްގެ ނަސާރާދީނަށް ނިސްބަތްވާ ބޭކަނބަލެއްކަމަށް އިމާމް ޠަބަރީ އެކަލޭގެފާނުގެ ތާރީޚްގައި ނަޤުލް ކުރައްވާފައިވެއެވެ . އެއަށްފަހު މަހާނަމަތީ ޒިޔާރަތްތަކާއި ޤުއްބު ބިނާކުރުމުގެ ސަޤާފަތް ފެތުރިފައިވަނީ ޝިޔަޢީ ދައުލަތެއްކަމަށްވާ ބުވައިހީންނާއި ޢުބައިދީންނާއި އޭގެފަހުން އައި ޙަމަދާނީ ދައުލަތުގެ ނުފޫޒު އިސްލާމީ ވެރިކަމުގެ މައްޗަށް ފޯރާފައިވާ ދުވަސްވަރެއްގައެވެ . މިކަން އިރާޤުގެ ކަރްބަލާއަށާއި ނަޖަފް އަދި އީރާނާއި މިޞްރާއި ސަމަރްޤަންދާއި އެނޫންވެސްތަންތާގައި ހުރި މިފަދަ އާސާރުތަކާއި އެތަންތަނުގެ ތާރީޚުތަކުން ހާމަވެގެން ދާނެއެވެ.

ޢައްބާސީ ދައުލަތުގެ ބައެއް ޚަލީފާއިންގެ ދުވަސްވަރުގައި މީގެތެރެއިން ބައެއް ބިނާތައް ނައްތަވައިލެއްވިއެވެ . އެގޮތުން ޚަލީފާ މުތަވައްކިލް އަދި ޚަލީފާ ހާރޫން ރަޝީދުގެ ދުވަސްވަރު އިމާމް ޙުސައިންގެފާނުގެ ޤަބުރުފުޅުކަމަށް ޝިޔަޢީންބުނާ ތަނުގައި ހަދާފައިވާ ޤުއްބާއި ޒިޔާރަތް ބިމާ ހަމަކުރެއްވިއެވެ

ޝައްކެއްނެތް ގޮތުގައި ޚަލީފާވެރި ބޭކަލުން މިފަދައިން މިކަން ކުރެއްވީ ޤަބުރުމަތީ ބިނަތަކާއި ޒިޔާރަތްތަކާއި ޤުއްބުތައް ހެދުމަކީ ސުންނަތް ޖަމާޢަތުގެ އަހުލުވެރިންގެ މަންހަޖާއި ޚިލާފުކަމަކަށްވެފައި އެކަން ނަހީކުރައްވައި ރަސޫލާ صلى الله عليه وسلم ގެ އަރިހުން އައިސްފައިވާ ޙަދީސް ބަސްފުޅުތަކުގެ ގިނަކަމަށްޓަކައެވެ . ހަދީސް ބަސްފުޅެއްގައި އައިސްފައިވެއެވެ . «نَهَى رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنْ يُجَصَّصَ الْقَبْرُ، وَأَنْ يُقْعَدَ عَلَيْهِ، وَأَنْ يُبْنَى عَلَيْهِ» ” މާނައީ: ކައްވަޅުގައި ލިޔުމާއި ޤަބުރު މަތީ އިށީނުމާއި ޤަބުރު ބިނާކުރުން ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ނަހީ ކުރައްވާފައިވެއެވެ”.

ކަން މިފަދައިން ހުރިނަމަވެސް އިސްލާމީ ވަރަށް ގިނަ ޤައުމުތަކުގައި ހުރި މިފަދަ ބިނާތައް ވަރަށް ގިނައެވެ . އޭގެ ތެރޭގައި ބައެއްތަންތަނަކީ ޤަބުރުތަކާއި މަހާނަތަށް ﷲ ކުއްތަންވެވޭ ވަޞީލަތެއް ނޫނީ އެހީތެރިވާ މަދަދުގާރުންގެ ގޮތުގައި ބޭނުންކުރެވޭ ތަންތަނެވެ.

ޕާކިސްތާންގެ ހަޒްރަތު ބާބާ ފަރީދު ޒިޔާރަތާއި އިންޑިއާގެ ހަޒްރަތު ނިޒާމުއްދީން އައުލިޔާ ދަރްގާ އާއި މިސްރާއި ، ޝާމާއި ތުރުކީ ވިލާތުގައި މިފަދަ އެތަށް ތަންތަނެއް ފައްޅިތަކުގެ ސިފައިގައި ބިނާކުރެވިފައިވެއެވެ . ޙިޖާޒުގައި ހުރި މިފަދަ އެތަކެއް ޒިޔާރަތްތަކާއި ނަސީބުބަލަން ގޮށްޖަހާ ގަސްތަކާއި ބިނާތައް ސަޢުދީގެ ފުރަތަމަ ދައުލަތުގެ ތެރޭގައި ނައްތާލެވި ބިދުޢަވެރި ޚުރާފާތާއި ޝިރުކުގެ މުޑުދާރު ޢަމަލްތަކުން އެބިން ވަނީ ޠާހިރުކޮށްފައެވެ.

ރާއްޖެއަށް އިސްލާމްދީނުގެ އިލްމު އިހުޒަމާނުގައި އައިސްފައިވާ ޝިޔަޢީ އަދި ޞޫފީ މަޞްދަރުތަކުންކަމަށްވެފައި އެކަމުގެ އަސަރު ދިވެހި މުޖުތަމަޢަށް ވަރަށް ބޮޑަށް ކޮށްފައިވެއެވެ .އެގެތެރޭގައި ޒިޔާރަތްތަކުގަ ވަޅުލެވިފައިވާ މައްޔިތުން ކައިރިންކަންކަމަށް އެދުމާއި ނަދުރުބުނެ ދުޢާކޮށް ޚުރާފީ ބިދުޢަތަކާއި ޝިރުކުގެ ޢަމަލުތައް ފެތެރުނު ޒަމާން މިވަނީ މާޒީވެގޮސްފައެވެ

މިހާރު އެތަންތަން ފެންނަން އެހެރީ ތާރީޚީ ތަންތަނުގެ ގޮތުގައެވެ . އެތަންތަނުގައި ވަނީ މިފަސްގަނޑުގައި ދިރިއުޅުނު އަޅުގަނޑުމެންގެ ކާބަފައިންގެ ވަނަވަރެވެ. އެމީހުންގެ ޢާއިލާތަކާއި ނަސަބުގެ ސިލްސިލާއެވެ . އެމީހުންގެ ކޮށްފައިހުރި ކަވި މަސައްކަތްތަކެވެ . މިއާސާރުތަކާއި މެދު އެންމެބޮޑަށް މަޞްލަޙަތު އިސްކުރާ ފަރާތްތަކަކީ ދައުލަތުގެ ސިޔާސަތުތައް އެކަށައަޅުއްވާ ވެރިންނާއި ތާރީޚާއި ، ދީނީ ޢިލްމުގެ އަހުލުވެރިންނެވެ.

ނަމަވެސް ތާރީޚުގެ ނަމުގައި ޒިޔާރަތް ޒިޔާރަތްތަކުގައި ދިދަ ނަގައި އެތަންތަނުގައި ވޮށް ދިއްލައި މަހާނަތަށް ޖަރީކޮށް ތަށިމުށިޖަހައި އުވި ގޮސްފައިވާ ކަންކަން އަލުން ދިރުވައި ބިދުޢަތަކާއި ޚުރާފާތްތައް އާލާކުރެވެން ފަށައިފިނަމަ އެއީ އަޅުގަނޑުމެން ކަންބޮޑުވާނެ ކަމެކެވެ .އެކަން އެފަދައި ކުރަން އެއްވެސްބަޔަކަށް ފުރުޞަތު ދެވިގެންނުވާނެއެވެ .