English Edition
Dhivehi Edition

މަސްއޫލިއްޔަތު އިތުރުވުމުން ސިޓީ ކައުންސިލް މެމްބަރުންގެ މުސާރަ ބޮޑުކުރަން ނިންމައިފިއެވެ. އެގޮތުން ސިޓީ ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ނިންމީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްގެންނެވެ. ކޮމިޓީއިން މިގޮތަށް ފާސްކުރި ނަމަވެސް މި ނިންމުން ތަންފީޒުކުރާނީ މަޖިލީހުގެ ތަޅުމުން ފާސްކޮށްފި ނަމައެވެ.

މި އިސްލާހު ހުށައެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ. މެމްބަރު އަލީ ޝާހު ހުށަހެޅުއްވި މި އިސްލާހު ފާސްކޮށްފައިވަނީ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި ހަތަރު މެންބަރުންގެ އިއްތިފާގުންނެވެ. މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އެވެ.

މިއާއެކު އިންޝުއަރެންސް ޕެކޭޖަކާއެކު ސިޓީ ކައުންސިލްގެ މޭޔަރަށް މުސާރައިގެ ގޮތުގައި ޖުމްލަ 40،000 ރުފިޔާ ލިބޭނެއެވެ. އެއީ މުސާރައަށް 30،000 ރުފިޔާ އަދި ލިވިން އެލަވެންސަށް 10،000 ރުފިޔާ އެވެ.
ޑެޕިއުޓީ މޭޔަރަށް ލިވިންގް އެލަވަންސަށް 8،000 ރުފިޔާ ހިމެނޭގޮތަށް ޖުމްލަ 35،000 ރުފިޔާގެ މުސާރައާއި އިންޝުއަރަންސް ޕެކޭޖެއް ދިނުމަށް ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން ސިޓީ ކައުންސިލްގެ މެންބަރުންނަށް މަހަކު 24،000 ރުފިޔާ މުސާރައަށް އަދި ލިވިން އެލަވެންސްގެ ގޮތުގައި 6،000 ރުފިޔާ އާއެކު ޖުމްލަ 30،000 ރުފިޔާ އަދި އިންޝުއަރެންސް ޕެކޭޖެއް ދޭން އިއްޔެ ވަނީ ފާސްކޮށްފައެވެ.