English Edition
Dhivehi Edition

އައްޑޫ ސިޓީގެ ހުރިހާ އަވަށެށްގެ މަގުމައްޗާއި، ބަދަރު މައްޗާއި،ފަޅުތެރެ އަދި އާންމުތަންތަނަށް ބޭނުންނުކޮށް ގިނަ ދުވަސްތަކެއްވަންދެން ދޫކޮށްލާފައިވާ ތަކެއްޗާއި، އެފަދަ ތަންތަނުގައި ހުއްދަ ނުހޯދާ ހަދާފައިވާ ދާއިމީ ބިނާތައް ނެގުމަށް އައްޑޫ ސިޓީ ކައުންސިލް އިން އެދިއްޖެއެވެ

އެ ކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާންގައި ބުނީ މިހާރަކަށް އައިސް އައްޑޫގެ ހުރިހާ އަވަށެއްގެ ޢާންމު ތަންތަނަށާއި މަގުމައްޗާއި ބަނދަރުމައްޗާއި ފަޅުތެރޭގައި ބޭނުން ނުކޮށް ދޫކޮށްލާފައިވާ ވަރަށް ގިނަ އަދަދެއްގެ ތަކެތި ހުރިކަން ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ ތަންތަނުގައި ތަންތަނުގައި ކައުންސިލްގެ ހުއްދަ ހޯދުމެއްނެތި ދާއިމީ ބިނާތައް ހަދާފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.އަދި މި ފަދަ ތަންތަން ބޭނުންކުރާ ޢާންމު ރައްޔިތުންނަށް މިކަމުގެ ސަބަބުން ނުހަނު ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާކަމުގެ ޝަކުވާތައް އެ ކައުންސިލަށް ލިބިފައިވާކަމަށް ވަނީ ބުނެފައެވެ

އެހެންކަމުން 22 ޖަނަވަރީ އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ޢާންމު ތަންތަނަށާއި ބަނދަރުތަކަށާއި މަގުމައްޗަށް ދޫކޮށްލެވިފައިވާ އެއްގަމު އުޅަނދުތަކާއި ކަނޑުގެ އުޅަނދުތަކާއި ބާ ފްރިޖްތަކާއި އަދިވެސް މި ނޫންވެސް އެހެނިން ތަކެތި އެ ތަކެތީގެ ވެރިފަރާތުން ނެގުމަށް ސިޓީ ކައުންސިލުންވަނީ އެދިފައެވެ. އަދި މީގެ އިތުރުން ބަނދަރު މަތީގައި ޖާހާފައިވާ ވެލިފުނިތަކާއި ވެލި ބަސްތާތަކާއި ޤަވާޢިދާއި ޚިލާފަށް އެކި ތަންތަނުގައި ޕާކްކޮށް ގިނަދުވަސްވެ ހަލާކުވެ ދޫކޮށްލެވިފައިވާ އެއްގަމު އުޅަނދުތަކާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ކަނޑުގެ އުޅަނދުތައްވެސް ނެގުމަށް ކައުންސިލުންވަނީ އަންގާފައެވެ

މީގެ އިތުރުންވެސް ޢާންމު ތަނަތަނާއި ބަނދަރުތަކުގައި ކައުންސިލްގެ ހުއްދަ ހޯދުމަކާއި ނުލައި އެކި ފަރާތްތަކުން ހަދާފައިވާ ދާއިމީ ބިނާތައް ނެގުމަށާއި އެފަދަ ތަންތަނުގައި އެއްވެސް ފަރާތެއްގެ މުދަލެއްވާނަމަ އެތަކެތި 30 (ތިރީސް) ދުވަހުގެ ތެރޭގައި ނެގުމަށް ކައުންސިލުންވަނީ އަންގާފައެވެ

މީގެ އިތުރުން ކައުންސިލް އިން ބުނެފައިވަނީ މި މުއްދަތުގެ ތެރޭގައި އެ ތަކެތީގެ ވެރިފަރާތުން އެތަކެތި ނުނަގައިފިނަމަ ސިޓީ ކައުންސިލުން އެތަކެތި ނަގާނެކަމަށެވެ. އަދި ތަކެތި ނެގޭތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެއެއްޗެއްގެ ވެރިފަރާތުން ހަވާލުނުވެއްޖެނަމަ އެއެއްޗެއް ނީލަންކިޔައި ނުވަތަ ނައްތާލާނެ ކަމުގައިވެސް ކައުންސިލުންވަނީ ބުނެފައެވެ