English Edition
Dhivehi Edition

ކޮންމެ ދުވަހަކީ ވެސް ކޮންމެވެސް އާ އީޖާދެއް ދުނިޔެއަށް އަންނަ ދުވަހެކެވެ. ތަފާތު އެއްޗެއް އުފެއްދޭތޯ ކޮންމެ މީހަކު ވެސް މަސައްކަތް ކުރެއެވެ. އެތަކެއް ދިރާސާތަކާއި، ހޯދުންތަކުގެ ސަބަބުން އެންމެ ފަހުގެ އުފެއްދުން އަބަދުވެސް އޮންނަނީ މަޤްބޫލު އެއްޗަކަށް ވެފައެވެ. އެގޮތުން ބަލާއިރު ފިރިހެނުންނަށް ވުރެ ބޮޑަށް އަންހެނުންނަށް އަމާޒުކޮށްގެން އުފައްދާ އެއްޗެހި ގިނަކަން ފާހަގަ ކުރެވެއެވެ. އެހެންނަމަވެސް ފަހުގެ ޓެކްނޮލަޖީގެ އެހީގައި އުފައްދާފައިވާ އާދަޔާ ހިލާފް ބޮކްސާއެއް ގެ ވާހަކަ އަޑު އިވުނުތޯ އެވެ.

“ސްޓަޑް ބްރީފްސް” ނަމުން މަޝްހޫރުވެފައިވާ ފިރިހެނުންގެ މި ބޮކްސާ އަކީ އާދައިގެ އެއްޗެކޭ ބުނެވޭކަށް ނެތެވެ. ފިރިހެނުންގެ އެތަކެއް ކަންބޮޑުވުންތަކަށް ފަރުވާ ގެނެސްދީފައިވާ މޮޅު އުފެއްދުމެކެވެ. އެހެނީ އެއީ ސިއްޙީ ގޮތުންވެސް އެހާމެ ރަނގަޅު އުފެއްދުމެކެވެ.

‘ސްޓަޑް ބްރިފްސް’ ގެ އެންމެ މުހިއްމު އެއްކަމަކީ ހަށިގަނޑުގެ ހޫނުމިން ހިފަހައްޓައި ދިނުމެވެ. މިދެންނެވީ ފިރިހެނުންގެ ދަރިފަނި އުފައްދާ ގުނަވަނުގެ ހޫނުމިން ހިފަހައްޓައި ދޭވާހަކައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ހޫނުމިނަށް އަންނަ އެއް ޑިގްރީގެ ބަދަލާއި އެކު އަބަދުވެސް ދަރިފަނި އުފެއްދުމުގެ %40 ދައްވަމުންދެއެވެ. މީގެ މާނައަކީ ހޫނު ގަދަވާ ވަރަކަށް ދަރިފަނި އުފެއްދުން މަދުވަމުންދާނެއެވެ. އެހެންކަމުން މި އާ އުފެއްދުން އީޖާދު ކުރުމުގައި މިކަމަށް ހާއްސަ ސަމާލުކަމެއް ދެވިފައި ވެއެވެ. އެގޮތުން ބަލާއިރު އާދައިގެ ބޮކްސާގައި ހޫނު މިން ގާތްގަނޑަކަށް 34.9 ޑިގްރީ ސެލްސިއަސް ގައި އަބަދުވެސް ހުރެއެވެ. އަދި އުފެދޭ ހޫނު ބޭރުވާނެ އިތުރު ގޮތެއް ނުހުރެއެވެ. އެހެންނަމަވެސް Stud Briefs ފަރުމާކޮށްފައި ވަނީ މި ހޫނުމިން ބޭރުކޮށްދީ އަދި 33.1 ޑްގްރީ ސެލްސިއަށް އަށްވުރެ ހޫނު މަތިނުވާ ގޮތަށެވެ. މީގެ ސަބަބުން ދަރިފަނި އުފެދުން އިތުރުވެގެން ދެއެވެ.

މިއުފެއްދުމުގައި ހުރި އިތުރު ކަންތައްތަކަށް ބަލާއިރު މިބޮކްސާ އުފެއްދުމަށް ބޭނުންކޮށްފައިވާ ފެބްރިކްގެ ސަބަބުން ހަށިގަނޑަށް އިތުރަށް އަރާމް ގެނެސްދެއެވެ. އެގޮތުން މީގައި ބޭނުން ކޮށްފައިވަނީ އެންޓިމައިކްރޯބިއަލް ޕްރޮޓެކްޝަން ފެބްރިކް އެވެ.

މީގެ އިތުރުން އިތުރަށް ބޭނުންކޮށްފައިވާ ސެލްފޯން ރޭޑިއޭޝަން ޝިލްޑިން ސިލްވަރ އަޔަން ފަބްރިކްސްގެ ސަބަބުން ފޯންތަކުން އަންނަ ރޭޑިއޭޝަންގެ ނުރައްކަލުން ސަލާމަތް ކޮށްދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ފިރިހެނުންގެ ދަރިފަނި އުފެއްދުމުގައި ފޯންގެ ރޭޑިއޭޝަންއިން ވަރަށް ބޮޑަށް އަސަރު ކުރެއެވެ. އެގޮތުން މި ރޭޑިއޭޝަންގެ ސަބަބުން ދަރިފަނި އުފެދުން %30 އާއި ހަމައަށް ދައްކުރާކަމަށް ވެސް ބައެއް ރިޕޯޓް ތަކުގައި ވެއެވެ. އެހެންކަމުން ސްޓަޑް ބްރިފްސް އުފެއްދުމުގައި މިހުރިހާ ކަމަކަށް ބަލާލެވިފައި ވެއެވެ.

ސްޓަޑް ބްރިފްސް އަކީ ޓެކްނޮލަޖީގެ އެހީގައި ތައްޔާރުކޮށްފައިވާ އެއްޗަކަށްވުމުން ދުނިޔޭގެ ބާޒާރުގައި މި އުފެއްދުމަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން ދެއެވެ. އަދި ސިއްޙީ މާހިރުންވެސް ވަނީ މިއީ ފިހެނުންނަށް ވަރަށް ޙާއްސަ އަދި އެހާމެ ރަނގަޅު އެއްޗެއްކަމަށް ބުނެފައެވެ.