English Edition
Dhivehi Edition

ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން ( ސީއެމްސީއޭ) ގެ މިއަހަރުގެ ވިންޓަރ ކޭމްޕް ޔޫތް ޑެލިގޭޝަން މިއަދު ޗައިނާއަށް ފުރައިފިއެވެ.

ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން ސީއެމްސީއޭއިން ޗައިނާ އަށް މިއަހަރު ފޮނުވި ވިންޓަރ ކޭމްޕް ޑެލިގޭޝަންގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 14 ދަރިވަރުންނާއި 3 އޮފިޝަލުން ހިމެނެއެވެ.

ޗައިނާގެ ވެރިރަށް ބެއިޖިން ސިޓީއާއި ސިއާން ސިޓީގައި މި ޑެލިގޭޝަން 8 ދުވަސް ހޭދަކުރާއިރު ބެއިޖިންގައި ހޭދަކުރާ ދުވަސްތަކުގައި ޑެލިގޭޝަނުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާނީ ސުންޗިންލިންގ ފައުންޑޭޝަނުންނެވެ. އެ ފައުންޑޭޝަނަކީ ޗައިނާގައި މިފަދަ ކަލްޗަރަލް އެކްސްޗޭންޖު ޕްރޮގްރާމުތައް ހިންގަމުން އަންނަ ފައުންޑޭޝަނެކެވެ..

މި ދަތުރުގައި ބެއިޖިން އަދި ސިއާންގެ ޚާއްޞަ ތަންތަން ދައްކާލުމުގެ ޓުއާއަކާއި ރާއްޖެއާއި ޗައިނާގެ ސަގާފަތް ދައްކުވައިދޭ އައިޓަމްތައް ހުށަހެޅުމުގެ އިތުރުން ޗައިނާގެ އާޓް އެންޑް ކްރާފްޓް މަސައްކަތްތައް ދަރިވަރުންނަށް ދައްކާލުމާއި އެފަދަ މަސައްކަތް އަމަލީގޮތުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދައިދެވޭނެއެވެ. .

2016 ވަނަ އަހަރުން ފެށިގެން ސީއެމްސީއޭއިން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން މިއީ ޗައިނާއަށް ދާ އެ އެސޯސިއޭޝަނުގެ 3 ވަނަ ވިންޓަރ ކޭމްޕް ޔޫތް ޑެލިގޭޝަނެވެ. މިދިޔަ އަހަރު ވެސް ރާއްޖޭގެ 3 ސަރަހައްދަކުން ހޮވާލެވުނު 12 ދަރިވަރުން ހިމެނޭ މިފަދަ ޑެލިގޭޝަނެއް ވަނީ ޗައިނާއަށް ފޮނުވާފައެވެ.

ސީއެމްސީއޭގެ ފައުންޑަރ މުޙައްމަދު ރަޝީދު ވިދާޅުވީ ފިނި މޫސުމާ ދިމާކޮށް ދަރިވަރުންގެ ޑެލިގޭޝަނެއް ޗައިނާއަށް ފޮނުވުމުގެ އެއް ބޭނުމަކީ ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުސަތު ލިބިފައިނުވާ ދަރިވަރުންތަކަކަށް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މީހުންގެ ދިރިއުޅުން ހުންނަގޮތް ދަސްކޮށްދިނުމާއި ތަފާތު މޫސުމް ތަކުގައި މީހުންގެ ދިރިއުޅުމަށް އަންނަ ބަދަލު ގާތުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށެވެ.

ޔޫތް ޑެލިގޭޝަނުގައި ބައިވެރިކުރާ ދަރިވަރުންނަކީ ސީއެމްސީއޭއިން ދޭ އިރުޝާދާ އެއްގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިމެނޭ ދަރިވަރުންގެ މެދުގައި ބާއްވާ މަޒުމޫނު ލިޔުމުގެ މުބާރާތަކަށް ފަހު މުބާރާތުން އެންމެ މަތިން ހޯދާ ދަރިވަރުން ނެވެ. މި މުބާރާތުގައި ދަރިވަރުން މަޒުމޫނު ލިޔަން ޖެހެނީ ޗައިނާގެ ސަގާފަތާއި ބެހޭގޮތުން ދަރިވަރުންނަށް ލިބިފައިވާ މައުލޫމާތުގެ އެހީގައި ސީއެމްސީއޭއިން ދޭ މައުޟޫތަކެއްގެ މައްޗަށެވެ. އެގޮތުން މިފަހަރުގެ ޑެލިގޭޝަނުގައި ހިމަނާފައިވަނީ އައްޑޫސިޓީ، ތިނަދޫ އަދި ކުޅުދުއްފުށީގެން ދަރިވަރުންނެވެ. މި ދަރިވަރުން ހޮވާފައިވަނީ ސީއެމްސީއޭ އާއި އެ އަތޮޅެއްގެ ކައުންސިލް ތަކާ ގުޅިގެންނެވެ.

ސީއެމްސީއޭ އަކީ ރާއްޖެއާއި ޗައިނާއާއި ދެގައުމުގެ ސަގާފަތާއި ބަސް ދަސްކޮށް ކުރިއެރުވުމާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ މަގުޞަދުގައި އަމިއްލަ ފަރާތްތަކަކުން އިސްނަންގަވައިގެން ހިންގަވާ ޖަމިއްޔާއެކެވެ. 2015 ވަނަ އަހަރު ވުޖޫދަށް އައި މިޖަމިއްޔާގެ ފައުންޑަރ އަދި ޗެއަރމަން އަކީ މީގެ ކުރިން ރާއްޖޭއިން ޗައިނާއަށް ކަނޑައަޅުއްވަވާފައިވާ ސަފީރެއްގެ މަގާމު އަދާކުރެއްވެވި ބޭފުޅެއް ކަމުގައިވާ މުހައްމަދު ރަޝީދެވެ.