English Edition
Dhivehi Edition

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ހަނި ގޮތަކަށް ޕޮލެންޑް ބަލިކޮށް ފަސް މެޗު ފަހުން އިޓަލީ މޮޅުވި މެޗުގައި އެ ޓީމްގެ ޑިފެންޑަރު ކިރިތިއާނޯ ބިރާގީގެ ލަނޑު އެސްޓެރޯއީއަށް ހާއްސަކޮށްފިއެވެ.

މިދިޔަ ސީޒަންނާއި ހަމައަށް ބިރާގީ އާއި އެކު ފިރޮންޓީނާއަށް ކުޅުނު ޑޭވިޑޭ އެސްޓްރޯއީ ވަނީ މާޗު މަހު ފިރޮންޓީނާ ރަށުން ބޭރުގައި ކުޅެން ކޭމްޕްކޮށްފައިވާ ހޮޓަލުގައި މަރުވެފައެވެ.

ރޭގެ މެޗަށް ފަހު ބިރާގީ ބުނީ އެސްޓްރޯއީ އަކީ އޭނާގެ ހިއްވަރު ކަމަށާއި އޭނާ މިހާ ހިސާބައަށް އައުމުގައި އެސްޓުރޯއީގެ ހިއްސާވަރަށް ބޮޑު ކަމަށާއި ރޭގެ ލަނޑު އަދި މޮޅު ވެސް ހާއްސަ ކުރާނީ އޭނާއަށް ކަމަށެވެ.

ގްރޫޕް އޭގައި ރޭ ކުޅުނު މި މެޗު އިޓަލީން ކާމިޔާބު ކޮށްފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ކުޅުނު ތިން މެޗުން ތިން ޕޮއިންޓާއެކު އިޓަލީ އޮތީ ގްރޫޕުގެ ދެވަނަ މަގާމުގައެވެ. އެއްވަނަ ލިބެނީ ހަ ޕޮއިންޓާއެކު އޮތް ޕޯޗުގަލަށެވެ. އަދި ތިން މެޗުން އެންމެ ޕޮއިންޓެއް ލިބި ޕޮލެންޑް ވަނީ ގްރޫޕް ބީއަށް ރެލިގޭޓްވެފައެވެ.

ޔުއެފާ ނޭޝަން ކަޕްގައި ރޭ ޕޮލެންޑް އާއި އިޓަލީ، ޕޮލެންޑް ދަނޑުގައި ކުޅުނު މި މެޗުގައި ޕޮލެންޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށް ވީ މެޗުގެ އެންމެ ފަހު މިނެޓްގައި ޑިފެންޑަަރު ބިރާގީގެ ލަނޑުން އިޓަލީ މެޗުގެ ލީޑުނަގައި މެޗުގެ ތިން ޕޮއިންޓް ހޯދައި ޕޮލެންޑް ރެލިގޭޓް ކޮށްލުމެއެވެ. މި ލަނޑު ބިރާގީ ކާމިޔާބު ކޮށްފައިވަނީ ލިބުނު ކޯނަރަކުންނެވެ. މިއީ އޭނާ އިޓަލީގެ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑުވެސް މެއެވެ.