English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ ފްރާންސްގެ ތަރި ޕޯލް ޕޮގްބާ ނުވަމަސް ދުވަހު އަނިޔާގައި ހުރުމަށް ފަހު އަނިޔާއިން ސަލާމަތްވެ އައިސް ކުޅުނު ފުރަތަމަ މެޗުގައި ދެއްކި މޮޅު ކުޅުމާއި އެކު ނިއުކާސަލް އަތުން ޔުނައިޓެޑް ފަސޭހަ މޮޅެއް ހޯދައިިފިއެވެ.

ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑް އާއި ނިކުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗުގައި އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ގިނަދުވަސްތަކެއް ހޭދަކޮށްފައިވާ ޔުނައިޓެޑްގެ ޒަލަޓަން އިބްރަހިމޮވިޗް ވެސް ވަނީ ކުޅެން އަރުވައިފަ އެވެ. މިއީ މި އަހަރު އޭޕްރީލް މަހު ކަކުލަށް ލިބުނު އަނިޔާ އަކުން ރަނގަޅުވުމަށް ފަހު އެނބުރި އައިސް އިބްރަހިމޮވިޗް ކުޅުނު ފުރަތަމަ މެޗެވެ.

ރޭގެ މެޗު ފަށައިގެން 14 ވަނަ މިނިޓްގައި ޔުނައިޓެޑް ސިއްސުވާލުމަށް ފަހު ނިއުކާސަލްގެ ޑްވައިޓް ގޭލްގެ ލަނޑުން ނިއުކާސަލް ލީޑު ނެގިނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ވަނީ މާޝިއާލް އާއި ކްރިސް ސްމޯލިން ކާމިޔާބުކޮށްދިން ލަނޑުން މެޗުގެ ނަތީޖާ 2-1 ލަނޑައަށް ބަދަލުކޮށްފައެވެ.

ދެ ވަނަ ހާފު ފަށައިގެން ޔުނައިޓެޑުގެ މޮޅު ކުޅުން ތަކުރާރުކޮށްފައިވާއިރު ޔުނައިޓެޑްއިން މެޗުގެ ލީޑު ފުޅާކޮށްފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕޮގްބާ އާއި ރޮމެލޫ ލުކާކޫ ކާމިޔާބުކޮށްދިން ލަނޑުންނެވެ.