English Edition
Dhivehi Edition

އާއްމުކޮށް ބިސް ކާނަމަ އޭގެ ފައިދާ އާއި ގެއްލުމާމެދު ކޮންމެ މީހަކުވެސް ވިސްނާނެއެވެ. އެކަމާއި ގުޅިގެން ބުނެލަން އޮތީ ސިއްހަތު ރަނގަޅު މީހަކު ނަމަ ބިސް ގިނައިން ކެއުމުން މައްސަލައެއްް ނެތެވެ. އެހެންނަމަވެސް ދެން ސުވާލު އުފެދޭނީ ކާން ޖެހެނީ ކިތައް ބިސް ކޮން ވަގުތެއްގައި ކަމައި މެދުގައެވެ.

ބިހަކީ ހަށިގަނޑަށް ފައިދާ ހުރި ވަރަށްގިނަ މާއްދާތަކެއް އެކުލެވޭ އެއްޗެއްކަމަށް ސައިންސްވެރިން ބުނެފައިވެއެވެ. އެގޮތުން 70 ކެލަރީސް ކޮންމެ ބިހަކުން ލިބޭނެއެވެ. އަދި ބިހުގައި ހުންނަ ޕްރޮޓީންގެ ސަބަބުން ހަށިގަނޑުގެ ހަކުރު އެއްމިނެއްގައި ހިފަހައްޓަދީ، ހަށިގަނޑުގެ ބައްޓަން ރީއްޗިކޮށް ބަހައްޓަދެއެވެ. އަދި އެޕްރޮޓީންސް އަކީ ވަރަށް ފެންވަރު ރަނގަޅު އެއްޗެއް ކަމަށް ގިނަ މާހިރުން އެއްބަސްވެއެވެ. ބިހުގެ ގޮބަޅީގެ ސަބަބުން ހިތުގެ ބަލިއާއި، ސްޓޯކް އާއި ބައެއް ކަހަލަ ކެންސަރު ބަލިން ސަލާމަތްކޮށްދެއެވެ. ދުވާލަކު އެއް ބިސްކެއުމުގެ ސަބަބުން ހަށިގަނޑުގައި މަރުވެފައި ހުންނަ ސެލްތައް އާލާކޮށްދީ، ކާބޯހައިޑްރޭޓްސް އާއި ވިޓަމިންސް ލިއްބައިދެއެެވެ.

ބިސް ކެއުމާއި ބެހޭގޮތުން ތަފާތު އެކި ދިރާސާތަކެއް ހެދިފައި ވެއެވެ. އެގޮތުން 2013 ވަނަ އަހަރު ‘ޔޫރަޕިއަން ޖާރނަލް އޮފް ނިއުޓްރިޝަން؛ އިން ހެދި ދިރާސާއަކުން އެނގުނު ގޮތުގައި ހެނދުނުގެ ނާސްތާއަށް ބިސް ކާމީހުން ބަނޑުހައިވުން ލަސްވާކަން ފާހަގަ ކުރެވުނެވެ. އަދި އެމީހުން އެދުވަހުގެ އެހެން ގަޑިތަކުގައި ކާ މިންވަރުވެސް މަދުކަން ފާހަގަ ކުރެވިފައި ވެއެވެ. މީގެ އިތުރުންވެސް 2011 ވަނަ އަހަރު ‘އިންޓަނޭޝަނަލް ޖާރނަލް އޮފް ފުޑް ސައިންސް ނިއުޓްރިޝަން’ އިން ހެދި ދިރާސާ އަކުން އެނގުނު ގޮތުގައި މެންދުރު ބިސް ކާމީހުން ގެ ކާބޯހައިޑްރޭޓްސް މަދިވެފައި އިތުރަށް އެމީހުން އެދުވަހު ކެލަރީސް ބޭނުންނުވާކަމެވެ. މީގެ ސަބަބުން ހަށިގަނޑުގެ ބަރުދަން މަތި ނުވެ އެއްމިނެއްގައި ހިފަހައްޓައިދެއެވެ.

އެހެންނަމަވެސް ބިހަކީވެސް އެއިން ބައެއްކަހަލަ ގެއްލުން ލިބޭ މާއްދާތައްވެސް އެކުލެވޭ އެއްޗެކެވެ. އެގޮތުން ބިހުގައި ގިނަ އަދަދަކަށް ފެޓްސް ހުރުމުން ހަށިގަނޑުގެ ކޮލޮސްޓްރޯލް މިންވަރު އިތުރުވެ ބައެއްްކަހަލަ ހިތުގެ ބަލި ޖެހުމަށް މަގުފަހިވެގެން ދެއެވެ.

ސިއްޙީ މާހިރުން ލަފާދޭ ގޮތުގައި ދުވާލެއްގެ މައްޗަށް އިންސާނާގެ ހަށިގަނޑަށް ބޭނުންވަނީ 300 މިލިގްރާމްގެ ކޮލަސްޓްރޯލެވެ. ނަމަވެސް އާދައިގެ ބޮޑު ބިހެއްގައި 180 މިލިގްރާމްގެ ކޮލަސްޓްރޯލް ހުރުމުން ގިނަވެގެން 2 ބިހަށްވުރެ ގިނައިން ދުވާލަކު ކެއުން ރަނގަޅެއް ނޫނެވެ. ހިތުގެ ބަލިއާއި، ހަކުރު ބަލިއާއި ކޮލަސްޓްރޯލް މިންވަރު ހަށިގަނޑުގައި މަތިކޮށް ހުންނަ މީހުން ގިނަވެގެން ދުވާލެއްގެ މައްޗަށް ލިބިގަންނަން ޖެހެނީ 200 މިލިގްރާމްގެ ކޮލަސްޓްރޯލްކަމަށް ވެސް ލަފާދީފައި ވެއެވެ.

ދުވާލަކު ނުވަތަ ހަފްތާއަކު ކާން ޖެހެނީ ކިތައްބިސްކަން ކަނޑައެޅިގެން ބުނެދޭކަށް ނޭނގެއެވެ. އެހެންނަމަވެސް ބިސް ކާމިންވަރު މަދުކުރުމަށް ހުރިހާ ފަރާތްތަކުން ވެސް ލަފާދީފައިވެއެވެ. އެގޮތުން ދުވާލަކު 1 ބިސް ކެއުމަށާއި، އިތުރަށް ކާން ބޭނުންނަމަ ބިހުގެ ހުދުބައި ތަރުކާރީއާއި އެކުގައި ކެއުމަށް ގިނަ މާހިރުން ލަފާދެއެވެ.

އެމީހަކީ ސިއްޙީ ގޮތުން އެންމެ ރަނގަޅު މީހަކަށް ނުވާނަމަ ގިނައިން ބިސް ކެއުން ރަނގަޅެއް ނޫނެވެ. އެހެންކަމުން ބިސް ކާން ބޭނުންނަމަ ސިއްޙަތަށް ބަލައިގެން ހުޅުން ރަނގަޅެވެ.