English Edition
Dhivehi Edition

ރަމަޟާން މަސް ފެށެން ދާދި ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، މިމަހާއި ބައްދަލުކޮށް ހެޔޮ ޢަމަލުތައް ކޮށް ނަގުސު ޡާހިރުކޮށްލަން ބޭނުން ނުވާނެ ހަމަ އެކަކުވެސް ނުހުންނާނެ ކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ. އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ރަމަޟާން މަހާއި ބައްދަލުކުރަން ބޭނުންވާނެއެވެ. އަދި ކޮންމެ މީހަކުވެސް ރަމަޟާން މަސް އަންނާތީ އެކަމުގެ އިންތިޒާތުގައި ތިބެ އެކަމާއި އުފާ ވެސް ކުރާނެއެވެ.

ރަމަޟާން މަހާއި ބައްދަލުވެ އެމަހުގެ ދަރުމައާއި ސަވާބު ލިބުމަކީ ހަމަ ކޮންމެ މީހަކުމެ ބޭނުންވާނޭ ކަމަކަށް ވާއިރު، އެމަހާއި ބައްދަލުކުރުމުގެ ހެޔޮ ނަސީބު ލިބުމަކީ މި ދުނިޔެ މަތިން ލިބޭނޭ ވަރަށް ބޮޑު ނިޢުމަތެކެވެ. މުޅި އަހަރު ދުވަހުގެ ތެރޭ ކުރެވިފައިވާ ކުއް ފާފަތައް ފޮހެލާ ނަފުސު ތާހިރު ކޮށްލަން ލިބޭ ރަނުގެ ފުރުސަތަކަށް މި ފުރުސަތު ވާތީއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ.! ކަން މިހެން އޮތް އިރު، އަޅުގަނޑުމެން އެންމެން ވެސް އެންމެ ގިނައިން ކުރަންވީ ކަމަކީ މި ބަރަކާތްތެރި މައްސަރާއި ބައްދަލުކުރުމުގެ ހެޔޮ ނަސީބު ދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ގިނަގިނައިން ދުއާ ކުރުމެވެ.

ރަމަޟާން މަހާއި ބައްދަލުކުރުމުގެ ހެޔޮ ނަސީބު ލިބޭ މީހާ އެ މަހާއި ބައްދަލުކުރަން ޖެހޭނީ ހިތްހެޔޮކަމާއި އުފާވެރިކަމާއި ދީލަތި ކަމާއި ހިތްވަރާ އެކުގައެވެ. މި މިއްސަރާ ކުރިމަތިލާން ވާނީ މީސްތަކުންނަށް ތަބާވުމާއި، އާދަކާދަތައް ދޫކޮށްލާފައި، އީމާންކަމާ އެކު، ދަރުމައާއި ސަވާބަށް އެދި، ރޭ އަޅުކަމާއި ރޯދަ ހިފުމުގެ ވަރުގަދަ އަޒުމުގައެވެ. އަދި ނަރަކައިން ސަލާމަތްވެ، ﷲ ގެ މަޣްފިރަތް ހާސިލް ކުރުމަށްޓަކައި ހަރާމް ކުރެއްވި އެއްޗެތި އަޑުއެހުމާއި، ހަރާމް ކުރެއްވި ތަންތަނަށް ބެލުމާއި، ހަރާމް ކުރެއްވި ވާހަކަ ދެއްކުމުން އަޅުގަނޑުމެންގެ ގުނަވަންތައް ރައްކާތެރިކުރުމަށް އަޒުމް ކުރަން ޖެހެއެވެ.

އިންސާނާގެ ހަޔާތުގައި މިވާ މަދު ދުވަސްކޮޅު މާތް ﷲ ގެ ރުހިވޮޑިގަތުން ހޯދުމުގައި ހޭދަ ކުރުމަކީ ކޮންމެހެން އެދެވިގެންވާ ކަމެކެވެ. އަދި ގެއްލުން ދެނިވި އެންމެހައި ކަންތަކުން ދުރުހެލިވެ ރައްކާތެރިވާން ޖެހެއެވެ. ހާއްސަ ގޮތެއްގައި ރަމަޟާންމަހުގެ ދުވަސްތަކެވެ. އެޔަކީ ބަދަލު ލިބޭނެ ދުވަސްތަކެއް ނޫނެވެ. އެހެންކަމުން މި މާތް މައްސަރާއި ބައްދަލުވެއްޖެމީހާ އެ މައްސަރުގެ ވަގުތުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަން ވާނެއެވެ.

އޭ އިންސާނާއެވެ. މި ދުނިޔޭއަކީ ފަނާވަނިވި ވަގުތީ ޢާލަމެކެވެ. މާދަމާއަކީ އަންނާނެ ކަމަށް ކިތެންމެ ބޮޑު އުންމީދެއް ކޮށްގެން ހުއްޓަސް ތިބާގެ ހަޔާތުގައި ހަމަ ނައިސް ހިނގައިދާނެ ދުވަހެކެވެ. އެހެން ކަމުން ކުރެވިފައިވާ ފާފަތަކަށް ތައުބާވެ ރަމަޟާންމަހަށް ފުރިހަމައަށް ތިބާގެ ހަށިގަނޑާއި ނަފުސު ތާހިރުކޮށްލާށެވެ. މިފަދަ ފުރުސަތެއް ދެން ތިބާގެ ހަޔާތުގައި ނުލިބިދާނެ ކަމުގައި ވިސްނައިގެންނެވެ.

މި ބަރަކާތްތެރި ރަމަޟާންމަހަކީ އޭގެ ފުރިހަމަ ދަރުމައާއި ސަވާބު ތިބާއާ ތިބާގެ އާއިލާއާ ތިބާގެ ގާތް ރަހުމަތްތެރިންނަށް އެންމެ ފުރިހަމަ ގޮތުގައި ލިބެނިވި މައްސަރަކަށް ހަދާށެވެ.ފަލާޙާއި ކާމިޔާބު ލިބުން އޮތީ އޭރުންނެވެ.