English Edition
Dhivehi Edition
ޓީ އެންޑް ޓޯކް ގެ ފުރަތަމަ ޕްރޮގްރާމުގެ ބައިވެރިން/ ފޮޓޯ ސްކީމް

މުޖުތަމައުގައި އަންހެނުންނަށް ދިމާވާ އެކިއެކި ގޮންޖެހުންތަކާއި އަދި އެކަންތައްތަކުން އަރައިގަންނާނެ ގޮތްތަކާއި ބެހޭ ގޮތުންނާއި އަންހެނުންގެ ގުރޫޕްތަކުގައި މަޝްވަރާކޮށް އެކަންކަމަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރުމުގެ ގޮތުން “ޓީ އެންޑް ޓޯކް” ގެ ނަމުގައި ސިލްސިލާ ޕްރޮގްރާމެއް އައްޑޫގައި ފަށައިފިއެވެ.

މިއަހަރުގެ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އިން އިސްނަގައިގެން މި ފެށި ޕްރޮގްރާމުގެ ފުރަތަމަ ބައްދަލުވުން އިއްޔެ މަރަދޫގައި ވަނީ ބާއްވާފައެވެ.

މި ބައްދަލުވުމުގައި އައްޑޫސިޓީގެ ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު އާމިނަތު އަދާލާ އާއި ވެށި ސައުފު ޖަމިއްޔާގެ އިތުރުން އައްޑޫވިމެންސް އެސޯސިއޭޝަނާއި ސްކީމްގެ މެމްބަރުންނާއި އިތުރު ބައެއް ފަރާތްތަކުން ވެސް ވަނީ ބައިވެރިވެފައެވެ.

“ޓީ އެންޑް ޓޯކް” ގެ ފުރަތަމަ ޕްރޮގްރާމު ޚާއްޞަ ކޮށްފައިވަނީ މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރާއި ގުޅުވައިގެން “ބްރެކް ދަ ބަޔާސް” މި މައުޟޫއަށެވެ.

ސްކީމްގެ އައްޑޫ ޗެޕްޓަރ އިން އިންތިޒާމު ކުރި މި ޕްރޮގްރާމާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އައްޑޫ ޗެޕްޓަރ ގެ ޗެއަރ ޕަރސަން ފާތިމަތު ދިޔާނާ ވިދާޅުވީ އިއްޔެ ފެށި ޕްރޮގްރާމަކީ މި ސިލްސިލާގެ ފެށުން ކަމަށާއި ވިސްނާފައި ވަނީ ކޮންމެ މަހަކު އެއްފަހަރު މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ކަމަށެވެ. އެގޮތުން ކޮންމެ ފަހަރަކު އައްޑޫގެ ކޮންމެވެސް އަވަށެއްގައި ޕްރޮގްރާމު ކުރިއަށް ގެންދާއިރު އެފަހަރަކު ނަގާ މައުޟޫއަކާއި ގުޅޭ ގޮތުން މައުލޫމާތު ދެވޭނެ ބޭފުޅުންނާއި އަދި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުން ކޮންމެ އަންހެން ބޭފުޅަކަށް އެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

“މިއީ ވަރަށް ކުރިއްސުރެން ފެށިގެން ސްކީމުން ކުރިއަށް ގެންދިއުމަށް ވިސްނަމުން އައި ޕްރޮގްރާމެއް. އެހެނަސް ކޮވިޑް އާ ހެދި މިފަދަ ފިޒިކަލް ޑިސްކަޝަން ޕްރޮގްރާމު ތައް ކުރިއަށް ގެންދިއުމަށް ދަތިތަކާ ކުރިމަތިލާނެ ޖެހިފައިވާތީ ފަސް ކުރަން ޖެހުނީ. މިހާރު ހާލަތު މަޑުމަޑުން ރަނގަޅު ވަމުން އަންނާތީ އާއެކު މިއަހަރުގެ އަންހެނުންގެ ދުވަހާ ގުޅުވައިގެން ޕްރޮގްރާމު ފެށީ. ފުރަތަމަ ޕްރޮގްރާމް ވެސް ވަރަށް ކާމިޔާބު ކަމަށް ގަބޫލު ކުރެވެނީ. ޑިސްކަޝަންގައި ބައިވެރިވި ހުރިހާ ބޭފުޅުން ވެސް ވަރަށް އޯޕަން ކޮށް އުފާވެރި މާހައުލެއްގައި ވާހަކަ ދައްކައި ޚިޔާލު ބަދަލު ކުރިކަން ފާހަގަ ކޮށްލެވޭ” ދިޔާނާ ވިދާޅުވިއެވެ.

ސްކީމްގެ ނައިބު ރައީސާ އާމިނަތު އަލީ ވިދާޅުވީ އަންހެނުންގެ ގުރޫޕް ތަކުގައި އެމީހުންނަށް ދިމާވާ ތަފާތު އެކިކަހަލަ މައްސަލަތަކާއި ގުޅޭ ގޮތުން މައުލޫމާތު ބަދަލުކޮށް ޚިޔާލު ފާޅުކޮށް މަޝްވަރާހޯދުމާއި ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމާއި ގުޅޭ ކަންކަމުގައި ބައިވެރިވެގެން މަސައްކަތް ކުރުމަކީ މުޖުތަމައުގެ އަންހެނުން ބާރުވެރިކުރުމަށް ކުރެވޭނެ ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ. އެހެން ކަމުން ސްކީމުން އިސްނަގައިގެން އައްޑޫގައި މި ފެށި “ޓީއެންޑް ޓޯކް” ގެ ސިލްސިލާ ޕްރޮގްރާމުތައް ފުވައްމުލައް ސިޓީ އާއި ގދ. އަތޮޅު އަދި ގއ އަތޮޅުގައި ވެސް ވަރަށް އަވަހަށް ފެށުމަށް ޕްލޭން ކުރަމުން އަންނަ ކަމަށް އާމިނަތު ވިދާޅުވިއެވެ.

ސްކީމަކީ ދެކުނުގެ 4 އަތޮޅު ހިމެނޭ ގޮތަށް ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ސަރަހައްދީ ޖަމިއްޔާއެކެވެ.