English Edition
Dhivehi Edition

ގިނަ ދުވަސްތަކެއް ނުވެ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އިޛުނަފުޅާއެކު އަޅުގަނޑުމެންނާ އެއިލާހު މާތްކުރެއްވި މައްސަރުތަކުގެ ތެރެއިން އެންމެ މާތް މައްސަރު ރަމަޟާން މަސް ބައްދަލުކުރާނެއެވެ. މި މައްސަރަކީ ނަފުސު ޡާހިރުކޮށްލަން ލިބޭ ރަނުގެ ފުރުސަތެކެވެ. މުޅި އަހަރު ދުވަހު ކުރި ފާފަތަައް ފޮހެލަން ލިބޭ އަގު ބޮޑު ފުރުސަތެކެވެ.

ރޭތަކުގެ ތެރެއިން އެންމެ މާތް ރޭ ކަމުގައިވާ ލައިލަތުލް ޤަދުރް ހިމެނޭ މި މައްސަރަކީ ކީރިތި ޤުރުއާން ބާވާލެއްވުނު މައްސަރެވެ. އެހެން ކަމުން މާތް ﷲ ގެ ރުހިވޮޑިގަތުން ހޯދަން ބޭނުންވާ މީހަކަށް ރަމަޟާން މަހަކީ ރަނގަޅު ފުރުޞަތެކެވެ. އެހެން ކަމުން މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަތުކުރި އޮޅާލާ ތައްޔާރުވަނާ ހިނގާށެވެ.

މިހާރު އަޅުގަނޑުމެން މި ވޭތު ކުރަމުންގެންދަނީ މާތްކުރެއްވި މަސްތަކުގެ ތެރެއިން ޝައުބާން މަހުގެ ދުވަސްތަކެވެ. މި މައްސަރަކީ ރަމަޟާން މަހަށް ތައްޔާތުވުމުގެ ގޮތުން ގިނަގިނައިން ރޯދަ ހިފާ އަޅުކަމުގައި ހީވާގިވާންވީ މައްސަަރެކެވެ.

ގިނަގިނައިން އަސްތަޣްފާރުކޮށް ކުރެވިފައިވާ ކުށްތަކާއި ފާފަތަކުގެ މިލައިން ހިތް ސާފުކޮށް، ﷲ ގެ ހެޔޮލަފާ ޞާލިޙު އަޅުތަކުންގެ ތެރެއިން ވުމަށް މަސައްކަތް ކުރަމާތޯއެވެ.
މުޖުތަމަޢުގައި އިޖްތިމާޢީ ރޫޙު އާލާކޮށް، މުޖުތަމަޢުގެ އެކި ފަންތިތަކާއި ގިންތިތަކުގެ މެދުގައި ހަމަހަމަކަމާއި އެކުވެރިކަން ދިރުވައި، ޙަސަދައާއި ދެކޮޅުވެރިކަމުގެ އަލިފާން ނިވާލުމުގައި ރޯދަ ވަރަށް މުހިއްމު ދައުރެއް އަދާކުރެއެވެ. އެހެނީ ފަޤީރުންނާއި މިސްކީނުންގެ ޙާޖަތްތައް މުއްސަނދިންގެ ހިތްތަކަށް ވައްދައިދީ އެބައިމީހުންގެ އިޙްސާސްތައް މުއްސަނދީންގެ ހިތްތަކަށް ވައްދައިދީ ހަދަނީ ރޯދައެވެ.

ރޯދައިގެ މަޤްޞަދަކީ ތަޤުވާވެރިވުން ކަމުގައި ވާއިރު ތަޤުވާވެރިވުމުގެ ސަބަބުން އިންސާނާއަށް ލިބޭ ވަރަށް ގިނަ ފައިދާތައް ލިއްބައިދިނުމުގައި ރޯދަ ވަރަށް މުހިއްމު ދައުރެއް އަދާކުރެއެވެ. ރޯދައިގެ ސަބަބުން ނަފްސު އިޞްލާޙުކޮށްލައެވެ. ހެޔޮ ޢަމަލުތަކާ ދިމާއަށް ނަފްސު ލަނބާލައެވެ. ނަފްސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ. ހިތުގެ ސަލާމަތްތެރިކަން ލިބިގަނެ، ސަލާމަތްތެރިކަމާއެކު ޙަޔާތް ވޭތުކުރުމަށް އެހީތެރިވެއެވެ.

މި ލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ އައްޝައިޚް ޝާފިޢު ޝައިޚްގެ ވެބްސައިޓް ޝާފިޢުޑޮޓް ކޮމްގައި ރޯދައާއި ގުޅޭ ގޮތުން ލިޔުއްވާފައިވާ މި ލިޔުމުންނެވެ.