English Edition
Dhivehi Edition

މި އަހަރު ގަތަރުގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށް ވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވާން ޔޫރަޕްގެ މެދުގައި ކުޅޭ ޕްލޭއޮފް ބުރުން ރަޝިއާ ބޭރުކޮށް އެ ޓީމާ ދެކޮޅަށް ކުޅެން އޮތް ޕޮލެންޑަށް ޕްލޭއޮފްގެ ދެވަ ބުރުން ފުރުސަތު ދޭން ފީފާއިން ނިންމައިފި އެވެ.

ރަޝިއާއިން އިސްވެ އޮވެ ޔުކްރެއިންނަށް ދެމުން ގެންދާ ހަމަލާތަކާއި ގުޅިގެން ފީފާއިން އެގައުމާއި ދެކޮޅަށް މީގެ ކުރިންވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ފީފާ އާއި ޔުއެފާ އިން ވަނީ ރަޝިއާ ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑްކޮށްފަ އެވެ. އަދި ޕްލޭއޮފް ބުރުން ރަޝިއާ ބޭރުކޮށް އެ ޓީމާ ދެކޮޅަށް ކުޅެން އޮތް ޕޮލެންޑަށް ޕްލޭއޮފްގެ ދެވަ ބުރުން ފުރުސަތު ދޭން ފީފާއިން ނިންމި ނިންމުމަކީ ފީފާ އިން ރަޝިއާއަށް އެޅި އިތުރު ފިޔަވަޅެކެވެ.

މި މައްސަލައާއި ގުޅިގެން ރަޝިއާއިން އިން ވަރަށް ބޮޑަށް ހިންހަމަ ނުޖެހުން ފާޅުކޮށްފައިވާއިރު، އެގައުމުން ވަނީ މި މައްސަލަ ކުޅިވަރުގެ އެންމެ މަތީ ކޯޓު، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް އެ މައްސަލަ ހުށަހަޅައިފަ އެވެ. އަދި ދާދި ފަހުން ސީއެސްއިން ވަނީ ރަޝިއާއިން ހުށައެޅި މި މައްސަލަ ބަލައިގަތުމަށް ވެސް ނިންމާފައެވެ.

ތިން ބަޔަކަށް ބަހާލައިގެން ވޯލްޑް ކަޕް ޕްލޭއޮފްގެ މެޗުތައް ކުރިޔަށް ގެންދިއުމަށް ފީފާއިން ނިންމާފައިވާއިރު، ރަޝިއާ ހިމެނެނީ ޕޮލެންޑް، ސްވިޑެން އަދި ޗެކް ރިޕަބްލިކާ އެކު ޕެތު ބީގަ އެވެ. ނަމަވަވެސް ފީފާ އިން ރަޝިއާ ބޭރުކޮށްލުމާއި ގުޅިގެން ޕްލޭއޮފްގެ މި ޕެތުގެ ފައިނަލުން ޕޮލެންޑަށް ވަނީ ފުރުސަތު ލިބިގެން ގޮސްފަ އެވެ. އެހެން ކަމުން ފީފާއިން ނިންމި މި ނިންމުމާއި ގުޅިގެން މިހާރު އޮތްގޮތުން ޕޮލެންޑުން ވޯލްޑް ކަޕްގެ ޖާގަ އަކަށް ކުޅޭނީ ސްވިޑެން އާއި ޗެކް ރިޕަބްލިކް ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.