English Edition
Dhivehi Edition

އެމްޓީސީސީގެ ސިޔާސަތަކީ މިންތީގެ ހަމަހަމަކަށް ޤާއިމުކުރުން ކަމަށް އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ޙުސައިން މޫސާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެމްޓީސީސީން “ހުވަނަރު ބަސް ޑްރައިވަރ ތަމްރީން ޕްރޮގްރާމް” އިފްތިތާޙް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

ޝާހިދު ވިދާޅުވީ ވަކި މަސައްކަތްތަކަކީ ހަމައެކަނި ފިރިހެނުން ކުރާ މަސައްކަތްތަކެއްގެ ގޮތުގައި އޮތްއޮތުން ނައްތާލުމަކީ ވެސް އެ ކުންފުނީގެ ސިޔާސަތެއް ކަމަށެވެ.

މިގޮތުން، މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ހުޅުވާލެވުނު ހުނަވަރު ޕްރޮގްރާމުން ތަމްރީން ވެގެން އަންހެން ބަސް ޑްރައިވަރަކާއި އަންހެން ބަސް އެޓެންޑެންޓުން ހަރަކާތްތެރިވަމުންދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެމްޓީސީސީގެ ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ފުރުޞަތު ހުޅުވާލާފައިވަނީ ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ޢާންމުކޮށް ނުލިބޭ ޓެކްނިކަލް ވަޒީފާތަކަށް މުވައްޒަފުން ތަމްރީންކުރުމުގެ ގޮތުންނެވެ. އަދި އަންހެން ކުދިންނަށް އިސްކަންދިނުމަކީ އަންހެނުން ބާރުވެރިކުރުވައި މުޖުތަމަޢުގައި ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ހުނަވަރު ބަސް ޑްރައިވަރ ތަމްރީން ޕްރޮގްރާމަށް ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ކުރިމަތިލުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.

މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިޢާރާ އެއްގޮތަށް މި ކުންފުންޏަކީ ހުރިހާ ދާއިރާއެއްގައިވެސް އަންހެނުންގެ ދައުރުފުޅާކޮށް، އަންހެނުން ކުރިއެރުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔާޤީންކަން އަރުވާ ކަމަށް އެކުންފުނީން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމް އިފްތިތާޙް ކުރުމަށް މިއަދު މާފަންނު ބަސް ޓާރމިނަލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެމްޓީސީސީގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.