English Edition
Dhivehi Edition

ރާއްޖޭގެ ބިމުގެ ދަތިކަމާއި ލިބެން ހުރި ވަޞީލަތްތައް މަދުކަމަށާއި ދަނޑުވެރިކަން ކުރުމުގައި އީޖާދީ ޙައްލުތަކެއް ހޯދުމަށް އެފް.އޭ.އޯގެ އެހީތެރިކަން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އ.ދ. ގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ ޖަމުޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ކޫ ޑޮންގްޔޫ، އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އެފް.އޭ.އޯ ގެ ޑިރެކްޓަރ ޖެނެރަލް ވަނީ ދުނިޔެއަށް އަންނަމުންދާ ބަދަލުތަކަށް ހޭނުމާއި ގުޅެގޮތުންނާއި ކާބޯތަކެތި ކަށަވަރުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި، އަމިއްލަ ފުދުންތެރިކަމުގެ ތެރެއިން ކާބޯތަކެތި ކަށަވަރުކުރުމަށް ފަރުދީ ބައިވެރިވުން އިތުރުކުރުމަށް ބާރުއެޅުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖެއަކީ ފަތުރުވެރިކަމަށާއި ބޭރުގެ އިމްޕޯޓްތަކަށް ބަރޯސާވެފައިވާ ޤައުމަކަށްވުމުން ކޮވިޑުގެ ބަލިމަޑުކަމުގެ ނޭދެވޭ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރިކަމަށާއި ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެފް.އޭ.އޯ ފަދަ ޖަމުޢިއްޔާއެއްގެ އެހީތެރިކަމާއި ފަންނީ ލަފާ ގެ ބޭނުން ހިފައިގެން މިފަދަ ކަންކަމުން ކުރާ އަސަރު ކުޑަކުރުމަށް ކުރިޔަށް އޮތްތާގައި މަސައްކަތްކުރެވިދާނެކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ވަނީ ރާއްޖޭގެ ބިމުގެ ދަތިކަމާއި ލިބެން ހުރި ވަޞީލަތްތައް މަދުކަން ފާހަގަކުރައްވައި ދަނޑުވެރިކަން ކުރުމުގައި އީޖާދީ ޙައްލުތަކެއް ހޯދުމަށް އެފް.އޭ.އޯގެ އެހީތެރިކަން ބޭނުންވާކަން ހާމަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޑިރެކްޓަރ ޖެނެރަލް ޑޮންގްޔޫ ވިދާޅުވިގޮތުގައި މިހާރަށްވުރެ ބޮޑަށް އެފް.އޭ.އޯގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއެކު ގާތުން މަސައްކަތްކުރަމުންދާ ކަމަށާއި މިކަމުގައި އ.ދ. ގެ އިދާރާތަކުގެ އެހީތެރިކަން ބޮޑުކަން ފާހަގަކުރެއްވިއެވެ.

މިފަހުން އެފް.އޭ.އޯ ގެ ޑިރެކްޓަރ ޖެނެރަލް މާނިޔާފުށްޓަށް ކުރެއްވެވި ދަތުރުފުޅަށް އަލިއަޅުއްވާލައްވަމުން، ޑިރެކްޓަރ ޖެނެރަލް ވަނީ ރާއްޖޭގައި މެރިކަލްޗަރ ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތް ފާހަގަކުރައްވައި ތަޢުރީފްކުރައްވާފައެވެ. އަދި ރާއްޖޭގައި ދިރާސާތައްކުރުމަށް އަދި މިފަދަ ކަންކަން ތަރައްޤީކުރުމަށް އިތުރަށް އިންވެސްޓްކުރުމުގެ ބޭނުންތެރިކަން ޑިރެކްޓަރ ޖެނެރަލް ފާހަގަކުރައްވައި، މިކަންކަން ކުރުމަށް ބޭނުންވާ ތަމްރީނުތަކަށް ބޭނުންވާ އެހީތެރިކަން އެފް.އޭ.އޯ ގެ ފަރާތުން ދެއްވާނެކަމުގައި ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަންއާއި، އ.ދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހަސްވެލް ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންފައެވެ.