English Edition
Dhivehi Edition
ފޮޓޯ: އޭއޯ ނިއުސް

އެސްޓީއޯ ބޯޑުގެ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މާރޗު 31 ގެ ނިޔަލަށް ހުޅުވާލައިފިއެވެ.

އެ ފުރުސަތު މިއަދު ހުޅުވާލާފައިވާ އިރު، އެސްޓީއޯ އިން ބުނީ މި މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުން “އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމާއި އެ ފޯމާއެކު ހުށަހަޅުއްވަންޖެހޭ ޑޮކިއުމަންޓްތައް މި ހިނގާ މާރޗު މަހުގެ 31 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4 ޖެހުމުގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި ފޯމް ހުށަހަޅާނީ [email protected] އީމެއިލް އެޑްރެހަށް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ކުންފުނީގެ ވެބްސައިޓު ގައި ގާއިމުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް، އޮންލައިންކޮށްވެސް ހުށަހެޅޭނެ ކަމަށް ބުނެއެވެ.

އެސްޓީއޯ އިން ބުނީ ޑިރެކްޓަރުކަމަށް ކުރިމަތިލައްވާ ފަރާތްތަކުގައި ހުންނަންވާ ޝަރުތުތައް ކުންފުނިން ކޮށްފައިވާ އިއުލާން ގައި ބަޔާންކޮށްފައި ހުންނާނެ ކަމަށާއި ފޯމް ހުށަހަޅުއްވާ ފަރާތްތަކާއި ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީއިން އިންޓަވިއުކުރައްވާނެ ކަމަށެވެ. އަދި އިންޓަވިއުކޮށް، ޝޯޓް ލިސްޓު ކުރާ ކެނޑިޑޭޓުންގެ ތެރެއިން މި މަގާމަށް އިންތިޚާބުކުރުމަށްޓަކައި އަހަރީ އާންމު ޖަލްސާއަށް ނަން ހުށަހަޅާނެ ފަރާތްތައް ކަނޑައަޅާނީ ޑިރެކްޓަރުންގެ ބޯޑުން ކަމަށް ވެސް ބުނެއެވެ.

އެގޮތުން ބޯޑުން ކަނޑައަޅުއްވާ ފަރާތްތަކުގެ މައުލޫމާތު، ކުންފުނީގެ ޕޮލިސީތަކާއި އެއްގޮތަށް އާންމު ކުރާނެ ކަމަށާއި ސަރުކާރު ތަމްސީލްކުރާ ޑިރެކްޓަރުންނަށް ބަދަލެއް ގެންނަވަން ބޭނުންވާނަމަވެސް 31 މާރިޗް ގެ ހަވީރު 4 ޖެހުމުގެ ކުރިން ކުންފުންޏަށް އެކަން އަންގައިދިނުމަށް އެދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ވެސް މިއަދު ހުށަހަޅާފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.