English Edition
Dhivehi Edition

ދެމެހެއްޓެނިވި މާދަމާއެއް ނުވަތަ މުސްތަޤްބަލެއް ބިނާކުރަން މަސައްކަތްކުރާއިރު، އެ މަސައްކަތްތަކުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ހިއްސާ އޮންނަން ޖެހޭކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ޚިތާބުގައި މިނިސްޓަރ ވިދާޅުވީ އަންހެނުންނަކީ މުޖުތަމަޢެއްގެ ވިސްނުމާއި، ޚިޔާލުތަކާއި، ހައްލުތަކާއި، ތަޖުރިބާތަކުގެ ދެބައިކުޅަ އެއްބައި ހިއްސާކުރާ ފަރާތްތައްކަމަށެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުގައި، އަދި ދިވެހިރާއްޖޭގައިވެސް ދިމާވާ ބޮޑެތި ކާރިސާތަކާއި، ކުރިމަތިވާ ހާލަތްތަކުގައި، ނޭދެވޭ އަސަރުތައް ކުރާ އެއް ބަޔަކީ އަންހެނުންނާއި އަންހެން ކުދިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ކޮވިޑް-19ގެ ހާލަތުގައި 2020 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް ދިމާވި އިޤްތިޞާދީ ހީނަރުކަމުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ފެނިގެން ދިޔައީ ގިނައިން އަންހެނުން ހަރަކާތްތެރިވާ ‘އިންފޯރމަލް ސެކްޓަރ’ގައި ކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، ކޯވިޑް-19 ފުރަބަންދަށް ފަހު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރުވެގެންދިޔައިރު، މިނިސްޓްރީއަށް ހުށައަޅާފައިވާ ގިނަ މައްސަލަތަކަކީ އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތައްކަމަށެވެ.

ރާއްޖޭގެ ނިޒާމުތައް މިހާރު ހުރިގޮތުން، އެފަދަ ކޮންމެ ލޮޅުމެއްގައި ވެސް، އޭގެ ނޭދެވޭ އަސަރުތައް އަންހެނުންނާއި އަންހެން ކުދިންނަށް ކުރިމަތިވާކަމަށާއި، ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކަކީވެސް މިފަދަ ކަމަކަށް ވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މޫސުމީ ބަދަލުތަކާ ގުޅޭ މައްސަލަތަކަކީ ދިގު ދެމިގެންދާ އަސަރުތަކެއް އިޖްތިމާޢި ތަރައްޤީއަށާއި އިޤްތިޞާދަށާއި އަދި އެހެނިހެން ދާއިރާތަކަށްވެސް ކުރާނެ މައްސަލައެއް ކަމަށް ވެސް ވިދާޅުވިއެވެ.

“ރާއްޖޭގެ ދޮންވެލި ބިމާއި ޖަޒީރާ ރަށްތަކާއި ނޫ ކަނޑުތަކާއި، ފަޅުތަކާއި ރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް ކުރިއަށް އޮތް ޖީލުތަކަށް މި އަމާނާތް ފޯރުކޮށްދިނުމަށްޓަކައި ސިޔާސަތު އެކުލަވާލުމުގައާއި ކަންކަން ރޭވުމުގައި ބަދަލުތަކެއް ގެންނަން ޖެހޭ. 2030 ވަނަ އަހަރަށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ދިވެހި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމި މުޢާހަދަތަކަށް ރިޕޯޓުކުރުމުގައި، ދިވެހިރާއްޖޭގެ އަންހެނުންގެ ޙާލަތު ބަދަލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ.” މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައި ހަލުވިކޮށް ތަންފީޒުކުރުމަށްޓަކައި ސިޓީ އަދި ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު ވަރަށް ވެސް މުހިންމު ކަމަށާއި ރަށްރަށުގައި ހިނގާ މުހިންމު ތަރައްޤީގެ މަޝްރޫޢުތަކުގައި މިފަރާތްތަކުގެ ބައިވެރިވުން ހޯދައި، އެ ފުރުސަތުތައް ފަހިކުރުމަށް ރަށު ކައުންސިލުތަކަށް ވެސް ޒިންމާތަކެއް ހަވާލުކުރެވިފައިވާ ކަމަށެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޔޫ.އެން.ވިމެން އިން މިއަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ “މިއަދު މިންތީގެ ހަމަހަމަކަން – ދެމެހެއްޓެނިވި މާދަމާއަކަށް” މިއެވެ.