English Edition
Dhivehi Edition

އަޙުންނާއި އިޚުތުންނޭވެ.! ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނޑުމެންނާއި ބައްދަލުކުރަނީއެވެ. ދެން އޮތީ ދާދި މަދު ދުވަސްކޮޅެކެވެ. އެހެންކަމުން މި މައްސަރަށް ތައްޔާރުވުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ލަސްނުކޮށް ކުރަން އަތުކުރި އޮޅާލަމާ ހިނގާށެވެ. ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ކުރަން އޮތް އެންމެ މުހިންމު އެއް ކަމަކީ އެކިއެކި ތަފާތު އުޒުރުތަކާއި ހުރެ ނިމިގެން ދިޔަ އަހަރުގެ ރަމަޟާންމަހުން ގެއްލިފައިވާ ރޯދަތައް ޤަޟާކުރުމެވެ.

އުޒުރަކަށްޓަކައި ނަމަވެސް ނުވަތަ އުޒުރެއްނެތި ނަމަވެސް ރަމަޟާންމަހުގެ ރޯދަ ނުހިފައި ދޫކޮށްލާ މީހާ އެރޯދަ ޤަޟާކުރަން ޖެހެއެވެ. ރަމަޟާންމަސް ނިމުމުން އަހަރުތެރޭ ކޮންމެވެސް ދުވަހަކުއެވެ. ކީރިތި ﷲ ވަޙީކުރައްވަނީ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ – سورة البقرة: 185 (އެހެން ދުވަސްތަކަކުން ހަމަކޮށް އެޢަދަދަށް ރޯދަހިފުން ހުއްޓެވެ.) މިފަދައިންނެވެ.

ރަމަޟާންމަހުން ގެއްލުނު ރޯދަ ރަނގަޅީ ވީހާވެސް އަވަހަކަށް ހިފުމެވެ. ނަމަވެސް ލަސްކުރުން ހުއްދައެވެ. އަނެއް ރަމަޟާންމަސް އައުމުގެ ކުރިން ހިފާ ގޮތަށެވެ. މާތް ﷲ ރުއްސުންލެއްވި ޢާއިޝާގެ އަރިއަހުން އަލްބުޚާރީއާއި މުސްލިމް ރިވާކުރައްވާފައި ވެއެވެ. كان يكون عليّ الصوم من رمضان، فما أستطيع أن أقضي إلاّ في شعبان (ތިމަންކަމަނާގެ މައްޗަށް ރަމަޟާންމަހުގެ ރޯދަ ޤަޟާކުރަންޖެހިފައި އޮވެ، ތިމަންކަމަނާއަށް ޝަޢުބާންމަހުގައި ނޫނީ އެރޯދަތައް ޤަޟާނުކުރެވި އެބަދެއެވެ.

ދީނުގެ ވާޖިބުތައް ކޮންމެހެން އަދާކުރަން ޖެހޭތީވެ ސަބަބުތައް މެދުވެރިވެގެން ދޫކޮށްލާ ރޯދަތައް ޤަޟާކުރަންޖެހެ އެވެ. މި ގޮތަށް ޤަޟާކުރުމުގައި ޖެހިގެން އަންނަ އަހަރުގެ ރޯދަ މަސް އައުމުގެ ކުރިން އެ ރޯދަތައް ޤަޟާކުރުން ވާޖިބުވާނެ ކަމަށް ހުރިހާ އިލްމުވެރިން ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ.

މިއަހަރުގެ ރަމަޟާން މަސް އަންނަން މިހާރު މި ވަނީ ވަރަށް ކުޑަ ދުވަސްކޮޅަކަށް ވެފައެވެ. އެހެން ކަމުން މިދިޔަ އަހަރު ގެއްލުނު ރޯދަތައް ހިފުމަށް އަވަސްވެގަންނާށެވެ. ރަމަޟާން މަސް އައުމުގެކުރިން ލިބިފައިމިވާ ފުރުސަތުގައި ގެއްލުނު ރޯދަތައް ހިފާށެވެ. އެންމެ ފަހު ވަގުތަށް މަޑުނުކުރާށެވެ.