English Edition
Dhivehi Edition

މާތްވެގެންވާ އިސްލާމް ދީނުގައި ޝަރުޢުކުރައްވަވާފައިވާ ކޮންމެ ކަމަކީ ވެސް ނުވަތަ ކޮންމެ އަޅުކަމަކީ ވެސް ވަރަށް މަތިވެރި ޙިކުމަތްތަކާއި އެކު ޝަރުޢުކުރައްވަވާފައިވާ ކަންކަމެވެ. ވަރަށް މާތް މަޤުސަދެއްގައި ޝަރުޢުކުރައްވަވާފައި ކަންކަކެމެވެ. އެހެން ކަމުން އިސްލާމް ދީނުގެ ކޮންމެ އަޅުކަމަށް ވެސް ނުވަތަ ކޮންމެ ކަމަށް ވެސް އެކަމެއް އެންމެ ރަނގަޅު ގޮތުގައި ނުވަތަ އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް އެކަމަކާއި ގުޅޭ ޢިލްމު ހޯދުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ. ސަބަބަކީ ކޮންމެ ކަމެއް ވެސް އެކަމެއް އޮތްގޮތައް އެންމެ ފުރިހަމައަށް ކުރެވޭނީ އެކަމެއްގެ ޢިލްމު ނުވަތަ މަޢުލޫމާތު ހޯދައި އުނގެނިގެން ކަމަށް ވާތީއެވެ.

މާތް ﷲ ޚަލްގުތަކުން ހެއްދެވުމުގެ އެންމެ ބޮޑު މަގްސަދަކީ ޢިލްމު ހޯދުމާއި އެޢިލްމަކަށް ޢަމަލުކުރުމެވެ. ﷲ ތަޢާލާ ޚަލްގުތަކުން ހެއްދެވީ އެބައިމީހުން އެކަލާނގެއީ ކޮން ފަރާތެއްކަން މަޢްރިފާކޮށް ދަނެގަތުމަށެވެ. އަދި އެއަށްފަހު އެކަލާނގެއާ އެހެން ފަރާތަކާ ބައިވެރިނުކޮށް އަޅުކަން ކުރުމަށެވެ. އެކަލާނގެ މަޢްރިފާކޮށް ދެނެގަނެވޭނީ ޢިލްމުންނެއެވެ.. ޙައްޤުވެގެންވާ ގޮތުގައި ﷲއަށް އަޅުކަން ކުރެވޭނީ އަޅުކަންކުރަންވީ ގޮތް އެނގިގެންނެވެ. އަދި އަޅުކަން ކުރަންވީ ގޮތް އެނގޭނީ ޢިލްމު އުނގެނިގެންނެވެ. އެހެންވެ ޢިލްމު ހޯދުމާއި އެޢިލްމާ އެއްގޮތަށް ޢަމަލުކުރުމަކީ ޚަލްޤުތަކުން ހެއްދެވުމުގެ މަޤްޞަދެވެ.

ބަރަކާތްރެި ރަމަޟާންމަސް މިވަނީ އަޅުގަނޑުމެންނާއި ދާދި ގާތުގައެވެ. އެމަހަކީ މާތް ﷲ މާތްކުރެއްވި ބަރަކާތުން ފުރިގެންވާ މައްސަރެކެވެ. މި މައްސަރަކީ ތިބާގެ ނަފުސު ފާފައިން ޡާހިރުކޮށްލުމަށް ލިބިގެންދާ ރަނުގެ ފުރުޞަރެކެވެ. އެހެން ކަމުން ރަމަޟާން މަހާއި ބައްދަލުކުރާއިރު މި މައްސަރުގެ ބޭނުން އެންމެ ހެޔޮގޮތުގައި ކުރެވޭނީ ކޮންމެހެން އެމަހާއި ގުޅޭ ގޮތުން ޢިލްމު ހޯދާ އުނގެނިގެންކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ އެމަހެއްގައި ބަރަކާތް ލެއްވި ރަމަޟާންމަސް އަޅުގަނޑުމެންނާ ބައްދަލުކުރަމުންދާއިރު، މިމަހަށް ތައްޔާރުވުމުގެ ގޮތުން އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ބޮޑު އެއްކަމަކީ، މިމަހުގެ ކަންކަމާ ބެހޭ ޢިލްމު ހޯދުމެވެ. އެމަހުގައި ﷲ ފަރުޟުކުރައްވާފައިވާ ރޯދައިގެ ޘަވާބާއި ދަރުމަ ފުރިހަމަގޮތުގައި ޙާޞިލުކުރުމަށްޓަކައި މިކަމުގެ ޢިލްމު އެނގިފައިވުމަކީ މުހިއްމުކަމެކެވެ. އެއީ ނޭނގިނަމަވެސް ރޯދަގެއްލޭ، ނުވަތަ ރޯދައިގެ ޘަވާބާއި ދަރުމަ އުނިވާ ކަމަކަށް އަރައިނުގެނެވުމަށްޓަކައެވެ. ބުއްދިވެރިއަކީ ކޮންމެ ކަމެއްވެސް ފެށުމުގެ ކުރިން އެކަމުގެ ޢިލްމު ލިބިފައިވާ މީހެކެވެ.

ރަމަޟާން މަހަކާއި ބައްދަލުކުރާއިރު، އެމަހުގައި އެންމެ ފުރިހަމައަށް ރޯދަ ހިފާނެ ގޮތާއި ރޯދަ ގެއްލޭ ކަންތަކާއި ރޯދައަށް ހުރެ ދުރުހެލިވާން ޖެހޭ އެންމެހާ ކަންތައް ތަކާއި ރޯދައަށް ހުރެ އެރޯދައިގެ ސަވާބު އެންމެ ފުރިހަމަ ގޮތުގައި ހާސިލުކުރާނެ ގޮތުގެ ޢިލްމު އުނގެނުމަކީ ވަރަށް މުހިންމު ކަމެކެވެ.