English Edition
Dhivehi Edition

ރ. މަޑުއްވަރީ ގެއެއްގެ ކަރަންޓު ބިލް ބޮޑުކޮށް ޕްރިންޓު ކުރި މައްސަލައިގައި މަޑުއްވަރީ ފެނަކަ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރު އީސާ ހުސެއިންފުޅު ވަޒީފާއިން ވަކިކޮށްފި އެވެ. އާއްމުކޮށް 6 ރިފިޔާ ނުވަތަ 07 ރުފިޔާ ކަރަންޓު ބިލަށް އަރާ މަޑުއްވަރީ ހިޔާވަހިގޭގެ މިދިޔަ މެއިމަހުގެ ކަރަންޓު ބިލަށް 44،382.55 ރުފިޔާ އެރުމާ ގުޅިގެން މި މައްސަލަ އިތުރަށް ބެލުމަށްފަހު އީސާ ހުސެއިންފުޅު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ފަރުވާކުޑަކޮށް އިހުމާލު ވެފައިވާތީއެވެ. މި މައްސަލައާއި ގުޅިގެން ފެނަކައިން ބުނެފައިވަނީ އީސާ ހުސެއިންފުޅު ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާ އިތުރަށް އެ ވަޒީފާގައި ބަހައްޓައިފިނަމަ ކުންފުނީގެ ނަން ކިލަނބުވެ ކުންފުންޏަށް އިތުރު ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެންނާތީކަމުގައެވެ. ފެނަކަ އިން ބުނީ މިހާބޮޑު އަދަދެއް ކަރަންޓް ބިލައް އަރާފައިވަނީ ބިލްގެ ރީޑިން އެންޓާ ކުރުމާއި ޕްރޮސެސް ކުރުމުގައި ކުންފުނިން ކަނޑައަޅާފައިވާ މިންގަނޑާއި އުސޫލުން ބޭރުން ބިލް ތައްޔާރުކޮށްފައިވާތީ ކަމަށެވެ.