English Edition
Dhivehi Edition

ފްރެންޗް ލީގުގެ ޕީއެސްޖީގެ ކޯޗުކަމުގައި މިވަގުތު ހުރި އާޖެންޓީނާ ކޯޗު މައުރީޒިއޯ ޕޮޗެޓީނޯ ބޭނުންވަނީ އަންނަ ސީޒަނަށް އިނގިރޭސި ޕްރިމިއާ ލީގަށް އެނބުރި އައިސް ކުރީގެ ކުލަބު ޓޮޓެންހަމްގެ ކޯޗުކަމާއި ހަވާލުވާން ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ޕޮޗެޓީނޯ އަކީ އަންނަ ސީޒަނަށް މެންޗެސްޓާ ޔުނައިޓެޑުގެ ދާއިމީ ކޯޗުކަށް ގެނައުމަށް ޔުނައިޓެޑުން އެންމެ ބޮޑަށް މަސައްކަތް ކުރާ އެއް ކޯޗެވެ. ބައެއް ރިޕޯޓުތަކުން ޚަބަރުފަތުރާ ގޮތުގައި ޕޮޗެޓީނޯ ހުރީ ޔުނައިޓެޑުގެ ކޯޗުކަމާއި ހަވާލުވުމަށް ވެސް ތައްޔާރަށެވެ. ނަމަވެސް ޔޫކޭގެ ރޭޑިއޯ ސްޓޭޝަންއެއް ކަމުގައިވާ ޓޯކްސްޕޯޓްސް އިން ބުނި ގޮތުގައި ޕޮޗެޓީނޯގެ ވިސްނުން މިހާރު ހުރީ ޔުނައިޓެޑާއި ދިމާއަކަށް ނޫންނެވެ. އޭނާގެ އަމާޒު ހުރީ ކުރިންވެސް ކޯޗު ކޮށްދިން ކުލަބު ޓޮޓެންހަމްގެ ކޯޗުކަމާއި ދިމާއަށެވެ.

ބައެއް ރިޕޯޓުތަކުން ޚަބަރު ފަތުރާ ގޮތުގައި ޔުނައިޓެޑުން އަންނަ ސީޒަނަށް ދާއިމީ ކޯޗެއް ހޯދުމަށް މަސައްލަތް ކުރަމުން އަންނައިރު، ޕޮޗެޓީނޯ އަކީ އެ ކުލަބުގެ ޓާގެޓަކެވެ. ޕޮޗެޓީނޯގެ އިތުރުން އަޔެކްސްގެ މިހާރުގެ ކޯޗު އެރިކް ޓެންހެގް އާއި ރެއާލްގެ ކޯޗު ކާލޮސް އެންޗެލޮޓީގެ އިތުރުން ސްޕެއިންގެ ގައުމީޓީމުގެ ހެޑް ކޯޗުކަމުގައި ހުރި ލުއިސް އެންރީކޭ އަކީ އެ ކުލަބުގެ ކޯޗުކަމަށް ގެނައުމަށް ޔުނައިޓެޑުން ޝޯޓްލިސްޓް ކޮށްފައިވާ ފަރާތްތަކެވެ. ނަމަވެސް މީގެން އެއްވެސް ފަރާތަކުން އަދި މިކަމާއި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޕޮޗެޓީނޯ އާއި ގުޅޭ ގޮތުން މީޑިއާގައި ދެކެވެމުން އަންނަ ވާހަކަތަކަށް ރައްދު ދެމުން ޕީއެސްޖީގެ ސްޕޯޓިންގ ޑިރެކްޓަރ ލިއެނާޑޯ ބުނެފައިވަނީ ޕޮޗެޓީނޯ ކުލަބު ދޫކޮށް އެހެން ކުލަބެއްގެ ކޯޗުކަމާއި ހަވާލުވާން ނުވިސްނާ ކަމަށާއި އޭނާގެ ޕްލޭން އޮތީ އަދިވެސް ޕީއެސްޖީއާއި އެކު ކުރިޔަށް ދިއުމަށް ކަމަށެވެ.

ޕޮޗެޓީނޯ ޕީއެސްޖީގެ ކޯޗުކަމާއި ހަވާލުވީ 2021 ވަނަ އަހަރު، ކުރިން ކޯޗު ކޮށްދެމުން އައި ޓޮޓެންހަމުން ނެރެމުން އައި ދައް ނަތީޖާތަކުގެ ސަބަބުން އެޓީމުގެ ކޯޗުކަމުން އޭނާ ވަކިކުރުމުންނެވެ.

ޕޮޗެޓީނޯ ޕީއެސްޖީގެ ކޯޗުކަމާއި ހަވާލުވި ފަހުން އެ ކުލަބާއި އެކު އޭނާއަށް ވަނީ މާ ބޮޑެތި ކާމިޔާބީތަކެއް ހޯދައިދެވޭ ގޮތް ނުވެފައެވެ. ޕޮޗެޓީނޯއަށް މިހާތަނަށް ޕީއެސްޖީއަށް ހޯދައި ދެވުނު ކާމިޔާބީ ތަކަކީ ފްރެންޗް އެސޯސިއޭޝަން ޓްރޮފީ އާއި ފްރެންޗް ކަޕް ޕީއެސްޖީއަށް ކާމިޔާބު ކޮށްދެވުމެވެ.