English Edition
Dhivehi Edition
އައްޑޫ ސިޓީ ފޭދޫގައި ހުންނަ ސިޓީ ފިއުލް ސަޕްލައިގެ ބްރާންޗް - ފޮޓޯ: ހައިވްމައިނާޑޮޓްކޮމް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނެސްފިއެވެ.

އެ ކުންފުނިން ބުނީ މި ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ ކަމަށެވެ.

އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ 14.60 ރުފިޔާއަށް ކަމަށާއި ޑީސަލް ލީޓަރެއް ލިބޭނީ 14.80 ރުފިޔާއަށް ކަމަށެވެ. މި ބަދަލާއިއެކު ޕެޓްރޯލް ލީޓަރަކުން 1.65 ރުފިޔާ އަދި ޑީސަލް ލީޓަރަކުން 1.76 ރުފިޔާގެ ބޮޑުވުމެކެވެ.

މި ބަދަލު ގެނެސްފައި މިވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅު ރަޝިއާއާއި ޔޫކްރެއިންއާ ދެމެދު ހިނގަންފެށި ހަނގުރާމައާ ގުޅިގެން ތެލުގެ އަގު މައްޗަށްދާ ނިސްބަތް އިތުރުވާން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް މިދިޔަ މަހުގެ 13 ވަނަ ދުވަހު ވެސް އެ ވަނީ ބަދަލުގެނެސްފައެވެ. އެއިރު ޕެޓްރޯލް ލީޓަރެއް ވިއްކާފައިވަނީ 12.98 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާފައިވަނީ 13.04 ރުފިޔާއަށެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކުންފުނިން ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށްކަމަށެވެ.