English Edition
Dhivehi Edition

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ މިޑްފީލްޑަރ ޖޭސޭ ލިންގާޑް ދިރިއުޅެމުން އަންނަ އެޕާޓްމެންޓުން އެއް ލައްކައަށް ވުރެ ގިނަ އަގު ބޮޑު ގަހަނާއާއި އަންނައުނު ވަގަށް ނަގައިފިކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ލިންގާޑް ދިރިއުޅޭ ތިން މިލިއަން ޕައުންޑުގެ އެޕާޓްމެންޓުން ގިނަ އަދަދެއްގެ އަގު ބޮޑު މުދާ ވަގަށް ނަގާފައިވާކަމަށް ރިޕޯޓުތަކުން ބުނާއިރު، ލިންގާޑް ދިރިއުޅޭ މި އެޕާޓްމެންޓުން ފޭރޭ ގުރޫޕަކުން ވައްކަން ކޮށްފައިވަނީ އޭނާ އާއިލާއާއި އެކު ޗުއްޓީ ހޭދަކޮށްލުމަށް ގޮސް ހުރި ވަގުތެއްގައި ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

ލިންގާޑް ދިރިއުޅެމުން އަންނަ އެޕާޓްމެންޓުގެ ސެކިއިރިޓީ ބަލަހައްޓަން އޮފިޝަރުން ހަމަޖައްސާފައި ތިބި ނަމަވެސް ފޭރޭ ގުޜޫޕަކުން ލިންގާޑްގެ އެޕާޓްމެންޓު ލޫޓުވާލިކަން އެ އޮފިސަރުންނަށް އެނގިފައިނުވާ ކަމަށާއި އެ އޮފިސަރުންނަށް އެކަން އެނގުނީ މާ ފަހުން ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ލިންގާޑްގެ އެޕާޓްމެންޓުގައި ގިނަ އަދަދެއްގެ އަގު ބޮޑު ތަކެތި ހުރެއެވެ. އެގޮތުން ގޭތެރޭގައި ބޭނުން ކުރާ ބައެއް ފަރުނީޗަރާއި އަގު ބޮޑު ގަހަނާގެ ބާވަތްތައް އެ އެޕާޓްމެންޓުގައި ރައްކާ ކުރެވިފައިވާކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

ލިންގާޑުގެ އިތުރުން އޭނާއާއި އެއް ކުލަބަކަށް ކުޅެމުން އަންނަ ވިކްޓަ ލިންޑެލޯފް ދިރިއުޅެމުން އަންނަ އެޕާޓުމެންޓުން ވެސް މީގެ ދުވަސްކޮޅެއް ކުރިން ވަނީ މިފަދަ ބޮޑު ވައްކަމެއް ހިނގާފައެވެ. އެހެން ކަމުން ޔުނައިޓެޑުގެ މެނޭޖްމަންޓުން ވަނީ މިކަމާއި ގުޅިގެން ކުލަބުގެ ކުޅުންތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ.