English Edition
Dhivehi Edition

ނެދަލެންޑްގެ ކުރީގެ ފުޓްބޯޅަ ލެޖެންޑް ކްލެރެންސް ސީޑޯފް އިސްލާމް ވެއްޖެއެވެ.

އުމުރުން 45 އަހަރުގެ ސީޑޯފް އިސްލާމްވެފައިވާކަން ހާމަކުރަމުން ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމުގައި ވާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ އިސްލާމް ދީން ޤަބޫލް ކޮށްފިން ކަމަށާއި އަދި އިސްލާމް ފެމިލީއަށް ނިސްބަތް ވުމުން އެކަމާއި އުފާކުރާ ކަމަށެވެ.

ސީޑޯފްގެ އިންސްޓަގްރާމުގައި ކުރި ޕޯސްޓުގައި އޭނާ ބުނެފައިވަނީ މުސްލިމު އާއިލާއާ ގުޅުމާ އެކު ވަރަށް ގިނަ ބައެއް އެކަމާއި އުފާކޮށް މަރުޙަބާގެ މެސެޖްތައް ފޮނުވާފައިވާ ކަމަށާއި މެސެޖް ކުރި އެންމެނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އިސްލާމް ދީނަށް ވަދެވުމަށް މެދުވެރިވީ އޭނާގެ އަނބިމީހާ ސޯފިއާގެ ސަބުން ކަމަށާއި އެކަމަށް ސޯފިއާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް ވެސް ސީޑޯފް ބުނެފައިވެއެވެ.

” އިސްލާމް ދީން ޤަބޫލް ކޮށް އިންސްޓަގްރާމުގައި ޕޯސްޓު ކުރުމާއި އެކު ގިނަ ބަޔަކު އެކަމަށް އުފާކޮށް މަރްހަބާގެ މެސެޖުތައް ކުރި. އެ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. އަދި ޙާއްޞަކޮށް އަހަރެންގެ އަންހެނުން ސޯފިއާއަށް.” ސީޑޯފްގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ސީޑޯފް އިތުރަށް ބުނެފައިވަނީ އިސްލާމް ދީނާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަސް އޭނާގެ އަންހެނުން ސޯފިޔާއާއި އެކު މަސައްކަތް ކުރާނެކަމަށާއި ދީނުގެ ކަންކަން އިތުރަށް ދަސްކުރުމަކީ އެންމެ މުހިންމު ކަމެއްކަމުގައި ހަދާނެ ކަމަށެވެ.

ސީޑޯފް ވަނީ އޭނާ އިސްލާމް ދީން ޤަބޫލު ކުރުމަށް ފަހު އާންމު ކުރި އިންސްޓަގްރާމު ޕޯސްޓުގައި އެކުވެރި އަރަބި އިމާރާތުގެ ޑިޕާޓްމެންޓް އޮފް އިސްލާމިކް އެފެޔާޒް އެންޑް ޒެރިޓަބަލް ޖަސްޓިސްގައި ސޯފިއާއާ އެކު ނަގައިފައިވާ ފޮޓޯއެއް ވެސް ހިއްސާ ކޮށްފައެވެ.

ސީޑޯފް ވަނީ ނެދަލެންޑްގެ ގައުމީޓީމަށް ވެސް ގިނަ މެޗުތަކެއް ކުޅެދީފައެވެ. އެގޮތުން ގައުމީޓީމަށް ކުޅެދިން 118 މެޗުގައި އޭނާ ވަނީ 11 ގޯލު ޖަހައިދީފައެވެ. މީގެ އިތުރުން ސީޑޯފް ވަނީ އަޔެކްސް އާއި ރެއާލް މެޑްރިޑް އަދި އޭސީ މިލާނާއި އެކު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އިތުރުން ޔޫއެފާ ސުޕަ ކަޕާއި ކުލަބް ވޯލްޑް ކަޕްވެސް ހޯދާފައެވެ.

ސީޑޯފް ބައިނަލްއަޤުވާމީ ފުޓްބޯލައިން ރިޓަޔަކުރީ 2008 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހުގައެވެ. އަދި ކުލަބު ފުޓްބޯޅައިން އޭނާ ރިޓަޔަކުރީ 2012 ވަނަ އަހަރު ބްރެޒިލްގެ ބޮޓަފޯގޯއިންނެވެ.