English Edition
Dhivehi Edition

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ގޮދަށް ފުށް ކާރުޚާނާ ތަރައްގީ ކުރާނީ ކުޅުދުއްފުށި ސިޓީގައި ކަމަށާއި އެކަމަށް ބޭނުންވާ ފަންޑު ވެސް ލިބިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ގެ “ރާއްޖެ މިއަދު” ޕްރޮގްރާމު ގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ކާރުޚާނާ ކުޅުދުއްފުށި ސިޓީ ގައި ތަރައްގީ ކުރަނީ އުތުރުގެ ވިޔަފާރީގެ މައި ހަބު ކަމަށްވެފައި، އެ ސަރަޙައްދަކީ އެފަދަ ކާރުޚާނާއެއް ހިންގުމަށް އެންމެ ރަނގަޅު އެއް ސަރަޙައްދަށްވުމުން ކަމަށެވެ.

“މިކަމުގެ ސަބަބުން އެ ސިޓީއަށާއި އެ ސަރަޙައްދަށް ވެސް ވިޔަފާރިއާއި އިޤްތިޞާދީގޮތުން އެތައް ކުރިއެރުންތަކެއް ލިބިގެންދާނެ. ގޮދަންފުށް ކާރުޚާނާ ތަރައްޤީކުރުމަށް ބޭނުންވާ ސަރވޭތަކުގެ މަސައްކަތް މިހާރު ވަނީ ނިމިފަ. އަދި އެކަމަށް ބޭނުންވާ ފަންޑުވެސް މިހާރު ހަމަޖެހިއްޖެ.” އަމްރު ވިދާޅުވިއެވެ.

އަމްރު އިތުރަށް ވިދާޅުވީ ކުޅުދުއްފުށިން ބިން ހަމަޖެހުނުހާ އަވަހަކަށް އެކަމުގެ ޢަމަލީ މަސައްކަތް ފަށާނެ ކަމަށާއި ރާއްޖޭން ބޭރުން ޕްރޮސެސްކޮށްގެން މިހާރު ގެންނަ ފުށަކީ ގުދަންކޮށްފައި މާގިނަ ދުވަހު ބެހެއްޓޭނެ ފުށެއްނޫން ކަމަށެވެ.

އެތަކެތި ބެހެއްޓުމަށް ގުދަންކުރަން ބޮޑެތި ޖާގަ ބޭނުންވާކަން ފާހަގަކޮށް އަމްރު ވިދާޅުވީ މިފަދަ ކާރުޚާނާއެއް ރާއްޖޭގައި ޤާއިމުވެގެންދިއުމުގެ ސަބަބުން އެކި ބޭނުންތަކަށް ޚާއްސަ ފުށް ތާޒާކަމާއެކު އުފެއްދޭނެ ކަމަށެވެ. އަދި އެތަކެތި ރައްކާކޮށްފައި ބެހެއްޓޭނެ މުއްދަތު ވެސް އިތުރުވާނެ ކަމަށެވެ.

ގޮދަންފުށް ކާރުޚާނާއެއް ރާއްޖޭގައި ތަރައްޤީކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި ކާނާގެ ޔަޤީންކަން އިތުރަށް ކަށަވަރުކޮށް ކާޑުގެ ބާވަތްތައް ރާއްޖެއެތެރެކުރުމަށް ކުރާ ޚަރަދު ކުޑަކުރުމެވެ. ރާއްޖެއަކީ ގޮދަންފުށް ހައްދާ ޤައުމަކަށްނުވާތީ، އެސް.ޓީ.އޯއިން މިކަން ކުރުމަށް ނިންމާފައިވަނީ ބޭރުން ގޮވާން އެތެރެކޮށް ރާއްޖޭގައި ޤާއިމުކުރާ ކާރުޚާނާގައި ތައްޔާރުކޮށް ބަންދުކުރާ ގޮތަށެވެ.