English Edition
Dhivehi Edition

ޔޫކްރެއިންގައި އެންމެ ފަހަށް ތިބި ނުވަ ދިވެހީން ރައްކާތެރިކަމާއެކު ހަންގޭރީއަށް އެތެރެވެއްޖެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ހަރްކީވްގައި ތިބި ފަސް ދިވެހި ދަރިވަރުންނާއި އެސިޓީގައި ތިބި ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ދިވެހި އާއިލާ އާއި ނިޕްރޯ ގައި ހުރި ދިވެހި ދަރިވަރު އިއްޔެ މެންދުރު ޔޫކްރެއިންގެ ހުޅަނގުގައި އޮންނަ ލިވީވް އަށް ދަތުރުކޮށްފައިވާ ކަމަށެވެ.

ރޭގެ ދަންވަރުގެ ވަގުތެއްގައި ބޯޑަރު ހުރަސްކޮށް، ހަންގޭރީއަށް އެތެރެވެފައިވާ ކަމަށާއި މި ދަރިވަރުން ބޯޑަރު ހުރަސްކުރުމުގެ ކުރިން ވިސާއާއި އެހެނިހެން އިންތިޒާމް ދިވެހި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު އަބްދުﷲ ޝާހިދު ހަންގޭރީގެ ޚާރިޖީ ވަޒީރާއި ފޯނުން ގުޅުއްވައި، އަދި ނިއުޔޯކުގައި ބައްދަލުކުރައްވައި، ދިވެހި ދަރިވަރުންނަށް ފަސޭހަ އިންތިޒާމެއްގެ ދަށުން ހަންގޭރީއަށް އެތެރެވެވޭނެ މަގު ފަހިކޮށްދެއްވާފައިވާ ކަމަށެވެ.

އެ ދަރިވަރުން މިހާރުވަނީ ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ދަތުރުކޮށްފައި ކަމަށާއި އެ ދަރިވަރުން މާލެއަށް އައުމަށް ފުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ޔޫކްރެއިންގައި ތިބި ދަރިވަރުން ދެއްކި ހިތްވަރަށް ތައުރީފުކުރައްވާފައެވެ. ދަރިވަރުން ޔޫކްރެއިންގެ ހަރްކީވްގައި ތިބި އިރުވެސް ދަރިވަރުންނަށް ފޯނުން ގުޅުއްވައި، ދަރިވަރުންގެ ހާލު ބައްލަވައި، އެދަރިވަރުންނަށް އޭނާ ވަނީ ހިތްވަރު ދެއްވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.