English Edition
Dhivehi Edition

ދައްކަން މި އުޅެނީ އާ ވާހަކައެއް ނޫނެވެ. ކޮންމެ ދުވަހު އަޑުއިވި، ފެންނަ މަންޒަރުތަކެއްގެ ވާހަކައެކެވެ. އެތައް ބަޔަކު އެކަމުގެ ތުރާލާއި ވޭން ތަހައްމަލުކުރަމުންދާ ވާހަކައެކެވެ. އެކަމުން ސަލާމަތްވުމަށް ކުރަމުންދާ ހަނގުރާމައެއްގެ ވާހަކައެވެ. މިއީ ހިޔާލީ ވާހަކައެއް ނޫނެވެ. މިއީ ‘ގަނާ’ ގެ ޝިކާރައަކަށްވެ އެކަން ތަހައްމަލުކުރަމުންދާ އަންހެންކުއްޖެއްގެ ވާހަކައެވެ. ކުޑައިރު ގަނާގެ ޝިކާރައަކަށްވެ އެކަމުގެ ވޭނުގައި މަރާއި ހަނގުރާމަކުރުމަށް މަޖުބޫރިވި ގޮތެވެ. ހިތުގައި އެޅުނު ކޫރުމާއެކު މުޅި އުމުރު ހޭދަކުރަންޖެހުނު ގޮތުގެ ވާހަކައެވެ.

އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ އެ އަންހެންކުއްޖާއަކީ ކުޑައިރުއްސުރެ ބަލިކޮށް އުޅެމުން ދިޔަ ކުއްޖެއް ނަމަވެސް އެއީ އާއިލާގެ ލޯތްބާއި އެހީތެރިކަމާއެކު ބޮޑުވަމުން އައި ކުއްޖެކެވެ. ފިޓްޖެހުން ފިޔަވައި އެހެން އިތުރު އެއްވެސް މައްސަލައެއް ނެތް އެކުއްޖާއަށް ފަރުވާ ހޯދުމަށް އާއިލާއިން ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ފަރުވާކުރިއެވެ. ހަ މަހުން އެއްފަހަރު ނުވަތަ އަހަރަކު އެއްފަހަރު ޑޮކްޓަރަށް ދައްކަމުން، ބޭސް ބަދަލުކުރަމުން ދިޔައިރު، އެކުއްޖާ ބޮޑުވަމުން އައީ ރައްކާތެރި އުފާވެރި މާހައުލެއްގައެވެ. އެހެންނަމަވެސް އެ އުފާވެރިކަމާއި ރައްކާތެރިކަން ބޭރުތެރެއިން ނުލިބުނެވެ.

އެކުއްޖާގެ ތައުލީމީ ހަޔާތް ފެށިގެންދިޔައީ ހިތަދޫގެ މަޝްހޫރު ސްކޫލަކުންނެވެ. ތައުލީމީ ބިންގާ އެޅިގެން ދިޔަ އެ ސްކޫލުން ކުއްޖާއަށް ދިމާވީ ހިތްދަތި ތަޖުރިބާއެކެވެ. ކުދިންގެ ދިމާކުރުމާއި މަލާމަތްކުރުން ކުރިމަތިވިއެވެ. ބައެއް ޓީޗަރުންގެ ފަރާތުން ބާކީކުރުމާއި ފުރައްސާރަކުރުންވެސް ކުރިމަތިވިއެވެ. “ސްކޫލަށް ދިޔައިރު ކުދިންވެސް އަޅުގަނޑުގެ ދަރިފުޅު ބާކީކޮށްލި. ބައެއް ފަހަރު ސްކޫލުގައި ހުންނައިރުވެސް ފިޓްޖެހޭ. އެހެންވެ އެއްވެސް ކުއްޖަކު އަޅުގަނޑުގެ ދަރިފުޅާއި އެކުވެރިކަން ބާއްވަން ބޭނުންނުވި. ގުރޫޕަކަށް ކުދިން ހަމަކުރާއިރުވެސް، އެއްވެސް ގުރޫޕަކުން އަޅުގަނޑުގެ ދަރިފުޅު އެ ގުރޫޕަކަށް ނުލާ، ‘ޑްރެކިއުލާ’ ފަދަ ވަނަން ތަކުން ގޮވާ. ހަގީގަތަށް ބުނަންޏާ މުޅި ސްކޫލް، ހަޔާތް އަޅުގަނޑުގެ ދަރިފުޅު ނިންމާލީ އެއްވެސް ރައްޓެއްސަކު ނެތި. އެ ހިތްދަތިކަމުގައި” އެކުއްޖާގެ މަންމަ ބުންޏެވެ.

ކުދިންނާއި ޓީޗަރުންގެ، ގަނާގެ ޝިކާރައަކަށް ވި، އަމިއްލަ ދަރިފުޅު ސަލާމަތްކުރުމަށް އެތައް ފަހަރަކު އެ މައްސަލަ ޖެއްސިއެވެ. “މިއީ ހަމައެކަނި ކުދިންގެ ފަރާތުން ދިމާވި ކަމެއް ނޫން. އެ ސްކޫލްގެ ބައެއް ޓީޗަރުންވެސް ކަންތައް ކުރީ ހަމަ މި ގޮތަށް. އަޅުގަނޑު އަދިވެސް ހަނދާން އެބަހުރު ގްރޭޑް5 ގައި އުޅުނު އިރު ކްލާސް ލީޑަރުކަން ހުރިހާ ކުދިންނަށް ލިބޭ ގޮތަށް ރޯލްކުރަމުން ދިޔައީ. އަޅުގަނޑުގެ ދަރިފުޅަށް އެންމެ ފަހުން ލީޑަރު ކާޑު ލިބެން އޮތީ. އެކަމަކު ކްލާސް ހުރިހާ ކުދިންނަށް ލީޑަރުކަން ލިބުނު އިރުވެސް އަޅުގަނޑުގެ ދަރިފުޅަށް ނުލިބުނު. އެ ކުއްޖާއަށް ދޭންވީ ފަހަރު ނުދިން. އެ މައްސަލައިގައި އަޅުގަނޑު ޓިޗަރަށް ގުޅައިގެން ވާހަކަވެސް ދެއްކިން. އެކަމަކު ފަހު ދުވަހު ދަރިފުޅު ސްކޫލަށް ދިއުމުން ޓީޗަރު ދަރިފުޅަށް ‘ބަވާލީ’. ބެލެނެވެރިޔާ ކައިރީ ބުންޏަސް ލީޑަރުކަން ނުލިބޭނެއޭ ކިޔައިގެން. މިއީ އަދި ވަރަށް ކުޑަ މިންވަރެއް. އެހެން ކުދިން އަޅުގަނޑުގެ ދަރިފުޅާ ދިމާކޮށްގެން އެ މައްސަލަޖެއްސުމުންވެސް ޓީޗަރު ބުނީ ކޮންމެވެސް ކަމެއް ވެގެން ނޫންހޭ ދިމާކުރަނީ، ކިޔާފަ އަޅާނުލާ ދޫކޮށްލަނީ” ކުއްޖާއަށް ކުރިމަތިވި ‘ގަނާކުރުމާއި، ބާކީ’ ކުރުމަށް ހައްލެއް ހޯދުމަށް އެ މަންމަ އެތައް މަސައްކަތެއް ކުރިއެވެ. ޓީޗަރުންނާއި ސްކޫލް މެނޭޖްމެންޓަށް މައްސަލަ ހުށަހެޅިއެވެ. އެހެންނަމަވެސް އެކަމަށް ހައްލެއް ނުލިބުނެވެ.

ދަރިފުޅަށް ދިމާވަމުންދިޔަ ގޯނާތަކުން ސަލާމަތްކުރުމަށް އެންމެ ފަހުން އެ މަންމަ އިހްތިޔާރުކުރީ ހަޔާތުގައިވެސް ނިންމަން އެންމެ އުދަގޫވި އެއް ނިންމުމެވެ. ދަރިފުޅަށް ސްކޫލް މާހައުލުން ދިމާވި ހިތްދަތިކަމަށް އޮތް ހައްލަކީ ސްކޫލުން ވަކިކުރުންކަމުގައި ނިންމާ، ގްރޭޑް9 ގައި އުޅެނިކޮށް ސްކޫލުން ވަކިކުރުވީއެވެ. އޭރު އެ މަންމައަށް ހީކުރެވުނީ އެއީ އެފަދަ ހުރިހާ ނުރައްކަލަކާއި ހިތްދަތި ކަމެއްގެ ނިމުންކަމަށެވެ.

އޭގެ ފަހުން އެތައް އަހަރެއް ފާއިތުވެއްޖެއެވެ. ދަރިފުޅު ކައިވެންޏެއްކޮށް ދަރިއެއްވެސް ލިބުނެވެ. “ފިޓްޖެހޭ ކުއްޖަކަށްވީމަ ބަނޑުބޮޑު އިރު އެންމެންވެސް ވަރަށް ހާއްސަ ސަމާލުކަމެއްދިން އިތުރު މައްސަލައެއް ދިމާނުވޭތޯ. އިރާދަކުރެއްވިއްޔާ މާ ބޮޑު މައްސަލަތަކެއް ދިމާނުވޭ” އެކުއްޖާގެ މަންމަ ބުންޏެވެ. ދަރިއަކު ލިބި އެ ދަރިފުޅަށް ދެ އަހަރުވާން ކައިރިވެފައިވާއިރު، އަނެއްކާވެސް އެ އާއިލާއަށް ހިތްދަތިކަމާއި ކުރިމަތިލާންޖެހުނީ މާގިނައިން ފިޓްޖެހި ބަލިވާން ފެށީއެވެ. އެންމެ ފަހުން މަރާއި ހަނގުރާމަކޮށް އައިސީޔޫގައި ފަރުވާދޭންޖެހުނީއެވެ.

އަނެއްކާވެސް އެ އާއިލާއަށް ކުރިމަތިލާންޖެހުނީ މީގެ އެތެއް އަހަރެއް ކުރިން ކުރިމަތިވި ހިތްދަތިކަމާއެވެ. “އެންމެ ފަހުން ފިޓްޖެހި އައިސީޔޫގައި ފަރުވާކުރަން ޖެހުނީ އައްޑޫ ސިޓީއިން އިތުރު ފަރުވާއަށް މާލެ ފޮނުވީ މެޝިންތައް ގުޅައިގެން ޑޮކްޓަރާއި ނަރުހުންނާއެކު. މާލެ ގެންދިޔައިރުވެސް ހޭވެރިކަމެއް ނެތް. މާލެ ގޮސް ފަރުވާ ފެށި ފަހުން މަޑުމަޑުން ހޭވެރިކަން ވެރިވާ ފަހަރު ދައްކަން ފެށީ މީގެ އެތައް އަހަރެއް ކުރިން ސްކޫލު ދައުރުގައި ދިމާވި ހިތްދަތި ހާދިސާތަކުގެ ވާހަކަ.”

ޑޮކްޓަރުގެ ފަރުވާ އާއި އާއިލާގެ ލޯތްބާއި އެކު ހާލަތު މިހާރު މަޑުމަޑުން ރަގަޅުވަމުން އަންނައިރު، އެ ހިތްދަތި މާޒީގެ އެކި ހާދިސާތައް އަދިވެސް ވަނީ އެ ހިތުގައި ބިންވަޅު ނެގިފައެވެ. އެތައް ދުވަހެއް ފަހުން އެ ދުލުން އެ ވާހަކަތައް މަޑުމަޑުން ހިއްސާކުރަމުން އަންނައިރު އެ ހިތަށް ކޮށްފައިވާ އަސަރު އެހެން މީހަކަށް އިހްސާސްވެސް ނުކުރެވޭނެއެވެ، “ކުޑައިރު އޭނާއަށް ދިމާވި ހާދިސާތަކުގެ ސަބަބުން މީހެން ވަނީ. އަސްލު ދަރިއަކު ލިބުނު ހިސާބުން، އެކުއްޖާއާއި މެދު ތިމާއަށް ދިމާވިފަދަ ހިތްދަތި ގޮތްތަކެއް މެދުވެރިވެދާނެކަމުގެ ބިރު ހިތުގައި އުފެދިފައިވަނީ. އެ ތުއްތު ކުއްޖާ ވެސް ގަނާގެ ޝިކާރައަކަށް ވެދާނެތީ ހިތްބިރުގަންނަނީ. އަމިއްލައަށް ތަޖުރިބާކުރެވުނު ކަންތައްތައް ދަރިފުޅަށް ކުރިމަތިވެދާނެތީ ހާސްވަނީ. ދަރިފުޅު ބާކީވެ، އެކަނިވެރިވެދާނެތީ ކުރެވޭ ފިކުރު ބަލި އެނދާއި ހަމައަށް މި ގެންދިޔައީ” މީގެ ޒަމާންތަކެއް ކުރިން ދިމާވި ހިތްދަތި ހާދިސާތަކުގެ ސަބަބުން އަންހެންކުއްޖާގެ މުޅި ދިރިއުޅުމަށް މި ވަނީ އެކަމުގެ އަސަރުކޮށްފައެވެ.

މިހާރު އެކަމުން ސަލާމަތްވުމަށް ކައުންސިލިން ސެޝަންތައްވެސް ނަގަން ފަށާފައިވާއިރު، މިއީ ކޮންމެ ދުވަހަކު މި މުޖްތަމައުގެ ކިތައް މީހުންނަށް ކުރިމަތިވާ ކަމެއް ބާއެވެ؟ “ޑޮކްޓަރުން ލަފާދެއްވި މި މައްސަލަ އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅަންވެސް. އަދިވެސް އެ ޓީޗަރުން އެ ސްކޫލުގައި އެބަތިބި، އެކަމަކު މިހާރު އެ މައްސަލަ ހުށަހަޅައިގެން ވާނެ ފައިދާއަކީ ކޮބައިތޯ؟ އަޅުގަނޑުގެ ދަރިފުޅު ސްކޫލުގައި އުޅުނު އިރުވެސް އެ މައްސަލަ ސްކޫލަށް ހުށަހެޅިން. އެކަމަކު އަޅުގަނޑު މިއަދު ބޭނުންވަނީ މި ވާހަކަ އެހެން މީހުންނަށްވެސް އެނގެން. ސްކޫލުގެ ނަން ކިޔާފަވެސް މި ވާހަކަ ދައްކަން” އެ ކުއްޖާގެ މަންމަ ބުންޏެވެ. ކުޑައިރު ގަނާގެ ޝިކާރައަކަށްވެ އެ ހިތްދަތިކަމާއި ބިރުވެރިކަން މި ވަނީ މުޅި އުމުރަށް އުފުލަންވަނީ ޖެހިފައެވެ.

ކުޑައިރު ހިތުގައިލާފައިވާ މިފަދަ ލަކުނުތަކާއެކު ދިރިއުޅުމާއި ހަނގުރާމަކުރަމުން ދަނީ ކިތެއް މީހުންބާއެވެ؟ ހިތް ހަލާކުވެފައިވާ ހާލުގައި ދިރިއުޅުމާއި މަރާއި ދެމެދު ހަނގުރާމަކުރަމުން ދަނީ ކިތައް މީހުންބާއެވެ.؟ ބައެއް މީހުންނަށް މިއީ ދައްކަން އެހާ ފަސޭހަ ވާހަކަތަކެއް ނޫނެވެ. އެހެންނަމަވެސް މިއީ ހިތްވަރާއެކު ކުރިމަތިލާންޖެހިފައިވާ މިއަދުގެ ހިތި ހަގީގަތެކެވެ. ސްކޫލްތެރެއިންނާއި ބޭރުތެރެއިން އަދި ސޯޝާލް މީޑިއާގައި ގަނާގެ ޝިކާރައަކަށްވެފައިވަނީ ކިތައް މީހުންތޯއެވެ. މީހާގެ ސިފައާއި ހަސަބާއި ނަސަބުގެ ގޮތުން ގަނާކުރުމާއި ކުރިމަތިލާންޖެހިފައިވާ މީހުން ވަރަށްވެސް ގިނައެވެ. ތިމާގެ ހިތްހަމަޖެހުމާއި އުފަލަށްޓަކައި އެހެން މީހަކު ރޮއްވާލާ ނިކަމެތިކޮށްލާއިރު، ވިސްނަންޖެހޭ ކަމަކީ އެ ގަނާކުރެވޭ މީހާގެ މަގާމުގައި ތިމާ ހުއްޓިގެން ހުންނަންޖެހޭނަމަ ދެން ވާނެ ގޮތެކެވެ.

1 ކޮމެންޓް
ހަސަނުގ
މާޗް 3, 2022
ކުޑަ ކުދިންގެ ހައްގޭ ކިޔާކިޔާ، މިހާރު ސުކޫލް ތަކުގަ އޮތީ ހުސް ހައްގު އެނގޭ ކުދިން. އުޅޭނެ ގޮތަކަށް އުޅެނީ. ފަސޭހައިން ލާރި ހޯދަން، ނުކުރާނެ ކަމެއް ނޯވޭ. ސިނގިރެޓް، ސުއްޓާ، ވޭޕް، ދެން ކިޔާނެ ކަމެއްނެތް، ނުބޯ އެއްޗެއްނެތް. ދެން ބުނޭ، ޓީޗަރުން ކީއްހޭ ކުރަނީ؟ ބެލެނިވެރިން ކުރަނީ ކީއްތޯ އަހަނީ ކާކު؟ ގޭގަ ނުޖެހޭ ގިނަ ކުދިން. ބޭރުގަ، މެންދަން ވަންދެން، ގުރޫޕް ހަދާފަ އުޅޭ ކިތައްމެ ކުއްޖެއް އެބައޮތް. ޕޮލިސް ޑްރަގް ރިޕޯޓް ބަލާލީމަ އެނގޭނެ މީގެ ހަގީގަތް. ދެން ކަމެއް ވާއިރަށް، ޓީޗަރުން ބޮލަށް ކަނޑާލީމަ އެވީ.