English Edition
Dhivehi Edition

ސްޓެލްކޯގެ ދަށުން ހިންގާ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ޚާއްސަކޮށްގެން ބޭއްވި “ޕަވަރ ހައުސް މެނޭޖަރސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް 2022” ނިންމާލައިފިއެވެ.

އެ ކުންފުނިން ބުނީ އެ ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުން ބާއްވާފައިވާ ކަމަށާއި މި ހަފުލާ ބާއްވާފައިވަނީ މި މާރޗު މަހުގެ އެއްވަނަ ދުވަހުގެ ރޭ ކަމަށެވެ.

ޓްރެއިނިންގ ނިންމާލުމުގެ ގޮތުން ސްޓެލްކޯ ޓެރަހުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރެވެ.

މި ޕްރޮގްރާމްގެ ސަބަބުން އެ ކުންފުނީގެ އިންޖީނުގެތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ. އަދި މި ޕްރޮގްރާމަކީ އެ ކުންފުނިން ޚިދުމަތްދޭ 30 ރަށެއްގެ މެނޭޖަރުންނަށް އަމާޒުކޮށްގެން ހަތަރު ދުވަހުގެ މުއްދަތަކަށް ބޭއްވުނު ޕްރޮގްރާމެއް ކަމަށް ވެސް ބުންޏެވެ.

ސްޓެލްކޯ އިން ބުނީ މި ޕްރޮގްރާމްގައި މެނޭޖަރުންގެ ލީޑަރޝިޕް ސްކިލްސްތަކާއި މުވައްޒަފުން ބިނާކޮށް، މުވައްޒަފުންގެ ފަރާތުން އެންމެ ރަނގަޅު ޚިދުމަތް ކުންފުންޏަށާއި، ރައްޔިތުންނަށް ލިބިގެންދާނެ ގޮތްތައް ދަސްކޮށްދެވިފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން ކުންފުނީގެ އެކި އެކި ދާއިރާތަކުގެ މަސައްކަތްތަކަށް އަހުލުވެރިވުމަށް ފުރުސަތު ލިބި، ހުރިހާ އިންޖީނުގެއެއްގެ މަސައްކަތް ވެސް އެއް މިންގަނޑަކުން ކުރުމަށް ބާރު އަޅާފައިވާ ކަމަށް ވެސް ބުންޏެވެ.

މި ޕްރޮގްރާމް ނިމިދިޔަ އާދީއްތަ ދުވަހު އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއެވެ.

ޓެގު