English Edition
Dhivehi Edition

ފޯރަމް ފޯ ކަލްޗަރ އެންޑް ޕީސް ގައި ބައިވެރިވަޑައިގަތުމަށް ރައީސް ނަޝީދާއި މަޖިލިސް ދެ މެމްބަރުން މޯލްޓާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިކަން އިޢުލާން ކުރެއްވީ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ.

އެމަނިކުފާނު ވިދާޅުވީ މޯލްޓާގައި ބާއްވާ “ފޯރަމް ފޯ ކަލްޗަރ އެންޑް ޕީސް”ގައި ބައިވެރިވުމުގެ ދައުވަތު މަޖިލީހަށް ލިބިފައިވާ ކަމަށާއި މޯލްޓާއަށް މިރޭ ފުރާވަޑައިގަންނަވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވުމަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމާއި ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު ވެސް އެމަނިކުފާނަ އެކު މިރޭ ފުރާވަޑައިގަންނަވާނޭ ކަމަށާއި މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެނބުރި ވަޑައިގަންނަވާނީ އާދިއްތަ ދުވަހު ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

“ލީޑަރޝިޕް ފޯ ޖަސްޓް ޕީސް” މި މަޢުޟޫއަށް ކުރިއަށްގެންދާ މި ފޯރަމް އޮންނާނީ މި މަހުގެ 3 އަދި 4 ވަނަ ދުވަހުއެވެ. މިއީ ޢަބްދުލްއަޒީޒް ސައުދު އަލްބަޓައިން އިން އިންތިޒާމު ކުރާ މިފަދަ ދެވަނަ ފޯރަމެވެ.

މި އަހަރުގެ ބައްދަލުވުމުގައި، “ލީޑަރޝިޕް ފޯ ޖަސްޓް ޕީސް”ގެ ޕްލޭންތައް ހެދުމާއި، ލީޑަރޝިޕްގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަޢުލީމީ ޕްރޮގްރާމްތަކާއި، ޖޮއިންޓް އިނީޝިއޭޓިވްތައް ތަންފީޒުކުރުމުގައި ބައިނަލްއަގްވާމީ މުޖުތަމައުން އަމަލުކުރަންވީ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރާނެއެވެ.