English Edition
Dhivehi Edition

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަގާމަށް އަޙްމަދު ޝަރީފް އައްޔަންކުރައްވައިފިއެވެ.

އޭނާ މި މަގާމަށް އައްޔަން ކުރައްވާފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން މުޣުނީ އެމަގާމުން ވަކިކުރުމަށްފަހުއެވެ.

ޕީސީބީގެ ރައީސް އާސިމް މުހައްމަދު ސްޓެލްކޯގެ ބޯޑުގެ ޗެއަރމަނަށް ފޮނުއްވި ސީޓިގައި ވިދާޅުވެފައިވަނީ ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައި ވާތީ، ގާނޫނު ނަންމަބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވޭލުއޭޓް ކުރުމުގެ ގާނޫނު) ގައިވާ ގޮތުގެމަތިން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަގާމުގައި ހުންނެވި ހަސަން މުޢުނީ އެމަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އަދި މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމަށް އަހުމަދު ޝަރީފް އައްޔަން ކުރައްވާފައިވާ ކަމުގައެވެ.

ޝަރީފް މީގެކުރިން ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމާއި ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމު ވެސް އަދާ ކުރައްވާފައެވެ.

އީސީގެ ރައީސްގެ މަގާމަށް ޝަރީފް އައްޔަން ކުރެއްވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައެވެ. އަދި ރައީސް ޔާމިންގެ ސަރުކާރު ބަދަލުވެގެން ދިއުމަށްފަހު، ޔާމިންވަނީ ޕީޕީއެމް އިންތިޚާބުން ބަލިވީ އިންތިޚާބު އޮޅުވާލުމުގެ ސަބަބުންކަމަށް ވިދާޅުވެ، ނަތީޖާ އޮޅުވާލުމުގެ ތުހުމަތު ޝަރީފަށް ވެސް ކުރައްވާފައެވެ.

އެހެންނަމަވެސް ޝަރީފް ވިދާޅުވެފައިވަނީ، ރިޔާސީ އިންތިޚާބު ނަތީޖާއަކީ ސައްހަ ނަތީޖާ ކަމަށާއި ނަތީޖާ އޮޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެކަމަށެވެ.

ފާއިތުވެދިޔަ ކައުންސިލް އިންތިޚާބަށް ފަހު، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުން ޝަރީފް އިސްތިއުފާ ދެއްވުމަށްފަހު ވިދާޅުވެފައިވަނީ 2023 ގައި ރައީސް ސާލިހު ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އަދި ދެން މަސައްކަތް ކުރައްވާނީ ރައީސް ސާލިހުގެ ފަހަތްޕުޅުގައި ކަމަށް ވެސް ވަނީ ޝަރީފް ވިދާޅުވެފައެވެ.

ޓެގު