English Edition
Dhivehi Edition
ފޮޓޯ: އެސްޓީއޯ

އެސްޓީއޯ ޒަމާނީ ފިއުލް ޓެސްޓިންގ ލެބޯރަޓަރީގެ ޓެސްޓުތަކުގެ އަގު ބޭރުތަންތަނަށްވުރެ ހެޔޮވާނެ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖެ އެތެރެކުރާ ތެޔޮ ރާއްޖޭގައި ޓެސްޓުކޮށް، އޭގެ ކޮލިޓީ ދެނެގަނެވޭނެ ނިޒާމެއް ގާއިމްކުރުމަށްޓަކައި އެސްޓީއޯ އިން ޒަމާނީ ފިއުލް ޓެސްޓިންގ ލެބޯރަޓަރީއެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

އަމްރު ވިދާޅުވީ ލެބޯޓަރީން ފިއުލް ޓެސްޓު ކުރަން ފެށުމުން އެމްއޭސީއެލް އަށް ވެސް ވަރަށް ބޮޑު ފަސޭހައެއް ވާނެ ކަމަށާއި ޓެސްޓުތަކުގެ އަގުވެސް ބޭރުތަންނަނަށްވުރެ ހެޔޮވާނެ ކަމަށެވެ.

އެހެންނަމަވެސް އެކި ޓެސްޓު އުޅޭނީ އެކި އަގުގައި ކަމަށާއި ފިއުލް ލެބޯޓަރީގެ ސަބަބުން ރައްޔިތުންނަށް ވަރަށް ފައިދާ ވާނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

“މި ލެބޯޓަރީ ހުޅުވުމުން ތެޔޮ އެޅުމަށް މިހާރު ހޭދަކުރާ މުއްދަތު ކުރުވާނެ. އަވަސްވާނެ. މި ލެބޯޓަރީއާއިއެކު ފިއުލް ޓެސްޓުކުރަން ބޭރަށް ފޮނުވަން ޖެހޭ ޚަރަދު ކުޑަވެގެންދާނެ. އަދި ލެބޯޓަރީން ފަސޭހަކަމާއިއެކު އަވަހަށް ފިއުލް ޓެސްޓުކޮށް ނަތީޖާ ލިބޭނެ.” އަމްރު ވިދާޅުވިއެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ލެބޯޓަރީ ހުޅުއްވައިދެއްވީ އެސްޓީއޯގެ ޗެއަރމަން ހާމިދު ނަޝީދު މުހައްމަދު އާއި ބޯޑް މެންބަރު އައިމިނަތު ރިޝްމާ އެވެ.

އެސްޓީއޯ އިން ބުނީ ޖީއީއޯ ކެމް މިޑްލްއީސްޓް ކުންފުނިން އޮޕަރޭޓް ކުރާ ގޮތަށް އެސްޓީއޯއިން ހުޅުވި އެ ލެބޯޓްރީގެ ސަބަބުން ރާއްޖެ އެތެރެކުރެވޭ ތެޔޮ ވަގުތުން ޓެސްޓުކުރުމަށް މަގުފަހިވާނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެން ޓެސްޓުކުރާ ފަރާތްތަކަށް ވެސް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށެވެ.

ކޮލިޓީ ޓެސްޓިންގ ގައި އިންޑިޕެންޑެންސީ އަދި ކްރެޑިބިލިޓީ ހިފެހެއްޓުމަށްޓަކައި އެސްޓީއޯއިން ޚަރަދުކޮށްގެން ހުޅުވާފައިވާ މިލެބޯޓްރީ މެނޭޖްކޮށް، ޓެސްޓް ސެޓްފިކެޓްތައް ދޫކުރާނީ ސީދާ ޖިއޯމް މިޑްލް އީސްޓްގެ ފަރާތުންނެވެ. މި ލެބޯޓަރީން ރާއްޖެ އެތެރެކުރާ ޕެޓްރޯލާއި ޑީސަލްގެ ކީ ޕެރިމީޓަރސްތަށް ޓެސްޓުކުރެވެއެވެ.

މި ލެބޯޓަރީ ހުޅުވުމާއި އެކު، ޖީސީސީ އެކްރެޑިޓޭޝަން ސެންޓަރު (ޖީއޭސީ) އިން މި ލެބޯޓަރީ އަށް އައިއެސްއޯ އަދި އައިއީސީ 17025:2017 އެކްރެޑިޓޭޝަން ލިބިގެންދާނެއެވެ.