English Edition
Dhivehi Edition

އެތައް އަހަރުތަކަކަށް ފަހު މާލެ އަށް ވެލައެއް އަރައިފިއެވެ.

ފަހުގެ ތާރީހެއްގައިވެސް މާލެއަށް ވެލައެއް އަރާފައިވާކަން އެގިފައިނުވާއިރު، މިއަދު ހެނދުނު 6:00 ހާއިރު ވެލާ އެރީ ސިނަމާލެ ބްރިޖު، މާލެ އާއި ގުޅިފައިވާ ސަރަަހައްދަށެވެ. އެ ސަރަހައްދުގައި 10 ވަރަކަށް ފޫޓަށް ވެލި ޖަމާވެފައިވާ ތަންކޮޅަކަށް ވެލާ އަރާ އޮއްވާ ފުރަތަމަ ފެނުނީ އެ ސަރަހައްދުގައި ކަސްރަތު ކުރަން އުޅުނު ބަޔަކަށެވެ.

އެ ވަގުތު އެތަނުގައި ހުރި ފުލުސް އޮފިސަރު ރިޕޯޓްކުރުމާ އެކު، އެތަނަށް އައި އިތުރު ފުލުހުންތަކެއް ވަނީ ވެލާ ހާލުގައި ޖެހިފައި އޮތް ކަމަށް ބަލައި މޫދާ ބޭރުކޮށްލާފަ އެވެ. ބްރިޖުގެ ހުޅަނގު ދެކުނު ފަރާތަށް އެރި ވެލައަކީ ބިސް އަޅަން އެރި ވަލައެއް ކަމަށާއި އެ ވެލައަށް ބިސް އެޅުމުގެ ފުރުސަތު ދިނުމަށްވެސް އެ ސަރަހައްދުގައި އެވަގުތު ތިބި ގިނަ ބަޔަކު ވަނީ އެދިފައެވެ. ނަމަވެސް ފުލުހުން ވަނީ އާންމުން ވެލައާ ގާތް ނުވުމަށް އިލްތިމާސްކޮށް އެ ވެލާ މޫދަށް ބޭރުކޮށްލާފަ އެވެ.

އެ ސަރަހައްދުގައި ތިބި އުމުރުން ދުވަސްވީ ބައެއް މީހުން ވަނީ ހުޅުމާލެ އާއި ވިލިމާލެއަށް މީގެ ޒަމާންތަކެއް ކުރިން ވެލާއަރަކާމަަށާއި އެހެންނަމަވެސް އެމީހުން ހަޔާތުގައި މާލެ އަށް ވެލައެއް އެރި ހަނދާން ދުވަހަކު ވެސް ނުވާ ކަމަށް ބުނެފައެވެ.

ދުނިޔޭގެ ކަނޑުތަކުގައި ހަތް ވައްތަރެއްގެ ވެލާ އުޅޭކަން މިހާތަނަށް ހޯދިފައިވާއިރު، ވެލާ އަރާމުކޮށްލުމަށް ނުވަތަ ބިސް އެޅުމަށް އެއްގަމަށް އަރަނީ ވަކި ދުވަސްތަކެއްގައެވެ. އާންމުކޮށް، ވެލާ ބިސް އަޅާއިރު 200 ވަރަކަށް ބިސް އަޅައެވެ. ރާއްޖޭގައި ވެލާކަހަނބުގެ އެއްވެސް ބާވަތެއް ހިފުމާއި، ވެލާ ކަހަނބުގެ ބިސް ނެގުމާއި، ބިސްވަޅުތަކަށް ގޯނާ ކުރުމާއި، ވެލާ ކަހަނބު ގެންގުޅުމާއި ވެލާ ކަހަނބާއި އޭގެ ވިޔަފާރި ކުރުން ވަނީ މަނާކޮށްފައެވެ.

ޓެގު