English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތައިރޮއިޑް ފަރުވާއަކަށް މިއަދު ކުރެއްވި އޮޕަރޭޝަނަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ އެމަނިކުފާނު އަލުން ހަވާލުވެވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ރައީސް ސޯލިހް އަލުން ހަވާލުވެވަޑައިގެންނެވީ ޤާނޫނު އަސާސީގެ 123 ވަނަ މާއްދާގެ (ހ)ގައި ވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އެކަން ލިއުމުން އެންގެވުމަށްފަހު ހެނދުނު 9:30 ގައެވެ.

ރައީސް ސޯލިހްގެ ޒިންމާތައް ނައިބު ރައީސްއާއި ވަގުތީ ގޮތުން ހަވާލުކުރެއްވީ ސިންގަޕޫރުގައި މިއަދު ހެނދުނުކުރެއްވި އޮޕަރޭޝަނާ ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާ ހަވާލުވެ ވޑައިގެންނެވީ މިއަދު ހެނދުނު 6:00 ގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްތުތައް ނައިބު ރައީސް ފައިސަލް ނަސީމް ތިން ގަޑިއިރު ތިރީސް މިނެޓު ވަންދެން އަދާކުރައްވާފައެވެ.