English Edition
Dhivehi Edition

ތައިރޮއިޑްއަށް ފަރުވާކުރެއްވުމުގެ ގޮތުން އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ މަޤާމުގެ މަސްއޫލިއްޔަތު ނައިބުރައީސް ފައިސަލް ނަޞީމާ ޙަވާލުކުރައްވައިފިއެވެ.

ރައީސް ޞާލިހް މިރޭ ކުރެއްވި ޓްވީޓެއްގައި ވާގޮތުން ސަރުކާރުގެ ހިންގުން ވަގުތީގޮތުން ނައިބު ރައީސާ ހަވާލުކުރައްވާނީ އެމަނިކުފާނު ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ކުރައްވާ ސާޖަރީގެ ކަންކަން ކުރިއަށްދާ ވަގުތު ކަމަށެވެ. އަދި ނައިބުރައީސް ފައިސަލް ނަސީމާ ޒިންމާތަކާއި މަސްއޫލިއްޔަތު ޙަވާލުކުރެއްވިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށްވެސް އަންގަވާފައިވާނެކަމަށް ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ތައިރޮއިޑް އޮޕަރޭޝަން ކުރައްވަން ހަމަޖެހިފައިވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް އެމަނިކުފާނުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން ޢުޒުރުވެރިވެވަޑައިގެންފިނަމަ، އެކަން ލިޔުމަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަންގަވައި ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙަވާލުކުރައްވަން ންވާނެކަމަށް ޤާނޫނު އަސާސީގެ 123ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގަތީ އިއްޔެއެވެ.