English Edition
Dhivehi Edition
ފޮޓޯ: ސްޕޯޓިންގ ނިއުސް

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ރޭ ލިލް އާއި ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބު ކޮށް މުބާރާތުގެ ކުއާޓާ ފައިނަލުގެ އުންމީދު ޗެލްސީން އާކޮށްފިއެވެ.

ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ އަށް ވަނަ މިނިޓްގައި އެޓީމުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. ޗެލްސީއަށް ލީޑުނަގައި ދިން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖަރުމަން ފޯވާޑް ކައި ހަވާޓްޒްއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ހަކީމް ޒިޔެޗް ނެގި ކޯނަރަކުން ބޮލުން ގޯލުގެތެރެއަށް ފޮނުވާލައިގެންނެވެ. މި ލަނޑަށް ފަހު ވެސް ޗެލްސީގެ މާކޯސް އަލޮންސޯ އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށް ވީ ލިލްގެ ގޯލް ކީޕަރު ލެއޯ ޖާޑިމްއެވެ.

މެޗުގެ ފުރަތަމަ ހާފު ޗެލްސީން ނިންމާލީ އެއް ލަނޑުގެ ލީޑަކާއި އެކުގައެވެ. މި މެޗުގައި ޗެލްސީގެ ދެ ވަނަ ގޯލު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 63 ވަނަ މިނިޓްގައި ކްރިސްޓިއަން ޕުލިސިޗް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ލިބުނު ކައުންޓަ އެޓޭކުގެ ފުރުސަތެއްގައި އެންގޯލޯ ކާންޓޭ ހުސްކޮށްލާފައި ގޯލުކުރިމައްޗަށް ނަގައިދިން ހުސް ބޯޅައަކުންނެވެ.

ފުރަތަމަ ލެގުގެ މެޗު ޗެލްސީން ކާމިޔާބު ކުރިއިރު، މި ދެޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހުގައެވެ. މި މެޗު ކުޅޭނީ ލިލްގެ ދަނޑުގައެވެ.