English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 7 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.

މި ޖަލްސާ ކުރިއަށްދާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ 8:30 ގައި، ކްރޮސްރޯޑްސް މޯލްޑިވްސް ގައެވެ. އުރީދޫން ބުނީ، މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަންނަމަހުގެ 5 ވަނަ ދުވަހުގެ ރޭގަނޑު 8:30 އާ ހަމައަށް ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

އުރީދޫއިން ބުނީ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީވާ މީހުންނަށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ ތަންކަމުގައިވާ، ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލަށް ހާޒިރުވެގެންވެސް ބައިވެރިވެވޭނެކަމަށެވެ. އިތުރަށް އެ ކުންފުނިން ބުނީ ކޮވިޑް-19ގެ މިހާރުގެ ހާލަތަށް ބަލައި އިވެންޓް ހޯލަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ދެވެންއޮތީ ސަރުކާރުން އިއުލާނުކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށް ސަރުކާރުން ހުއްދަކުރާ އަދަދަކަށް ބަލައި، ޖާގަ ހުރި މިންވަރަކުން ކަމަށެވެ.

އިތުރަށް އެ ކުންފުނިން ބުނީ އިވެންޓް ހޯލުގައި ޖާގަ ހުރި މިންވަރަކުން އެ ފުރުސަތު ދިނުމަށްފަހު، ބާކީ ތިބި މީހުންނަށް އޮންލައިންކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެކަމަށެވެ. އެގޮތުން މާޗް 6 ވަނަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން، ކްރޮސްރޯޑްސް މޯލްޑިވްސްއަށް ހާޒިރުވެވޭނެ ފަރާތްތަކާއި، އޮންލައިންކޮށް ބައިވެރިވެވޭނެ ފަރާތްތަކަށް އެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

މިއަހަރު އުރީދޫ އަހަރީ އާންމު ޖަލްސާގައި ދެގޮތަށް ބައިވެރިވެވޭ ގޮތަށް ހަމަޖައްސާފައިވާ އިރު އޮންލައިންކޮށް މި ޖަލްސާގައި ބައިވެރިވާ ފަރާތްތަކަށް ބައިވެރިވެވޭނީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.އެސް.ޑީ) ގެ އޮންލައިން ޖެނެރަލް މީޓިން މެނޭޖްމަންޓް ސިސްޓަމް ކަމުގައިވާ “ފަހިވޯޓު” މެދުވެރިކޮށެވެ.

 

 

ޓެގު