English Edition
Dhivehi Edition
ފޮޓޯ: ބީއެމްއެލް ޓްވިޓަރ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްކޮލަރޝިޕަށް އެދުމުގެ ފުރުސަތު އޭޕްރީލް 21 ގެ ނިޔަލަށް ހުޅުވާލައިފިއެވެ.

މިއަހަރުގެ ނޮވެންބަރު މަހު ފާހަގަކުރާ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ އަށް ތައާރަފްކުރި މި ސްކޮލަރޝިޕަކީ ބޭންކިންގ އާއި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމުގެ އަމާޒުގައި ހުރިހާ ޚަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ހުޅުވާލެވުނު ފަންޑެކެވެ.

މި ސްކޮލަރޝިޕަށް އެދި ހުށަހަޅާ ދަރިވަރުންނަށް ބޭންކިންގ އެންޑް ފައިނޭންސްގެ ރޮނގުން ފައިނޭންޝަލް ޓެކްނޮލޮޖީ، ރިސްކް މެނޭޖްމަންޓް އަދި ފައިނޭންޝަލް ރިޕޯޓިންގ އެންޑް އެނަލިޓިކްސް ނުވަތަ ފައިނޭންޝަލް އިންޖިނިއަރިން ފަދަ ދާއިރާއަކުން އަންޑަރ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެދި ހުށަހެޅިދާނެއެވެ.

މި ސްކޮލަރޝިޕް ހުޅުވާލާފައިވަނީ އުމުރުން 18 އަހާރާއި 25 އަހަރާ ދެމެދު ދިވެހިންގެ ތެރެއިން އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ ފަރާތްތަކަށެވެ. މި ފަންޑުގެ ދަށުން ޓިއުޝަން ފީ، މަހުން މަހަށް ހިނގާނެ ޚަރަދު، ވިސާ ފީ، ފޮތް ގަތުމުގެ ޚަރަދާއި އެސްޓަބްލިޝްމެންޓް އެލަވަންސްގެ އަދި ޓިކެޓް ޚަރަދު ބީއެމްއެލް އިން ދޭނެއެވެ.

މި ފަންޑަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތަކާއެކު 21 އެޕްރީލް 2022 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭއިރު، މި ފަންޑުގެ ޝަރުތުތަކާއި ދަރިވަރުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ ބެހޭ މައުލޫމާތު https://www.bankofmaldives.com.mv/bml-scholarship-fund އިން ލިބެން ހުންނާނެއެވެ.