English Edition
Dhivehi Edition

މަޝްހޫރު ލަވަކިޔުންތެރިޔާ ބައްޕި ލަހިރީ މަރުވެއްޖެއެވެ.

މުމްބާއީގެ ކްރިޓިކެއަރ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، ބައްޕި މަރުވެފައިވަނީ ރޭގެ ވަގުތެއްގައެވެ.ގިނަ ދުވަސްތަކެއް ވަންދެން ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށްފަހު ބައްޕި ގެއަށް ދޫކޮށްލާފައިވަނީ މިދިޔަ ހޯދަ ދުވަހުއެވެ. އެހެންނަމަވެސް އޭނާގެ ހާލު އިތުރަށް ގޯސްވުމާއި ގުޅިގެން އަނެއްކާވެސް ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ.

އެ ހޮސްޕިޓަލްގެ ޑިރެކްޓަރު ޑރ. ދީޕަކް ނަމްޖޯޝީއާ ހަވާލާދީ އިންޑިއަން އެކްސްޕްރެސް އިން ބުނެފައިވަނީ ބައްޕީއަށް ހޮސްޕިޓަލުގައި ފަރުވާދެވޭތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާކަމަށެވެ. ފަހަކަށް އައިސް ވަރަށް ބަލިކޮށް އުޅެމުންދިޔަ ބައްޕިއަށް މަރުވީ ނިދަން އުނދަގޫވުމުގެ މައްސަލައެއް ކަމަށްވާ އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާ (އޯއެސްއޭ) ގެ ސަބަބުން ކަމަށްވެސް ޑރ.ދީޕަކް ވަނީ ބުނެފައެވެ.

ބޮލީވުޑްގެ މަޝްހޫރު ގިނަ ލަވަތަކެއް ކިޔާފައިވާ ބައްޕިގެ ލަވަތަކުގެ ތެރޭގައި ‘ޗަލްތޭ ޗަލްތޭ މެރެޔޭ ގީތް’، ‘ޔާދު އާ ރަހީ ހޭ’ ފަދަ ލަވަތަކަކީ ފާހަގަކޮށްލެވޭ ލަވަތަކެވެ.