English Edition
Dhivehi Edition
ތިނަދޫ ބަނދަރުމަތި: ފޮޓޯ އަމަން ޒުހައިރު

ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ފަރާތުން، ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ހުށަހަޅައިފިއެވެ،

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ހުށަހަޅާފައިވާއިރު، އެ ރަށު ކައުންސިލުން އަންނަނީ ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ، ސިޓިއެއްގެ ދަރަޖަ ހޯދުމަށް ތިނަދޫ ކައުންސިލުން ވަނީ އެލްޖީއޭއަށް ސިޓީ އެއް ފޮނުވާފައެވެ،

ތިނަދޫ ކައުންސިލުން އެލްޖީއޭ އަށް ފޮނުވި ސިޓީގައި އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ސޮއިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވާފައިވާއިރު އެ ސިޓީގައިވަނީ އެ އޮތޯރިޓީގެ ބޯޑު ބައްދަލުވުމެއްގައި ތިނަދޫ ކައުންސިލުން “ތިނަދޫ ރަށު ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުކުރުމަށް” ލިޔުންތައް ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފައެވެ

މީގެ އިތުރުން އެ ސިޓީގައި ވިދާޅުވެފައިވަނީ އެ ލިޔުންތަކާއި ގުޅިގެން އެލްޖީއޭއިން މަޝްވަރާ ކުރުމަށްފަހު، މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއާ މަޝްވަރާ ކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މި މަޝްވަރާއަށްފަހު މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް އެ ސިޓީގައި ވަނީ ހާމަކޮށްފައެވެ. އެހެންކަމުން މި މައްސަލައާ ގުޅޭ ގޮތުން މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީ އާއި މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބޭއްވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް އެލްޖީއޭ އިން ވަނީ އެދިފައެވެ.