English Edition
Dhivehi Edition
ދޫނިތައް މަރާލާފައި: އެ ދޫނިތައް ނައްތާލީ ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނޭ - ފޮޓޯ/ސޯޝަލް މީޑިއާ

ގަވައިދާ ޚިލާފަށް ރާއްޖެ އެތެރެ ކުރާ ދިރޭ ތަކެތި މަރާލުމަށް ގަވައިދުތަކުން ދީފައިވާ ހުއްދަތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް، އެންވައިރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފިއެވެ.

އީޕީއޭއިން މިގޮތަށް ބުނެފައިވަނީ މަރާލާފައިވަނީ ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރި ކަމަށް ބުނެ 120 ދޫނި، އެޓާނީ ޖެނެރަލްގެ ލަފާގެ މަރާލާފައިވުމާއި ގުޅިގެންނެވެ. މިއީ ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގެންފައި ހުރި ދޫނިތަކެކެވެ. ރާއްޖެއަށް އެތެރެ ކުރުމުގެ ހުއްދަ ދީފައިވާ ދޫނިތައް ފިޔަވައި އެހެން ބާވަތުގެ ދޫނިތައް ރާއްޖެ އެތެރެކުރާ ނަމަ ހިފަހައްޓަ އެވެ.

މި ދޫނިތައް މަރާލުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އޭގެ ތެރޭގައި ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ މީހުންގެ އިތުރުން ގިނަ އަދަދެއްގެ އާއްމުން ވެސް ހިމެނެއެވެ.

ގަވާއިދާ ޚިލާފަށް ދޫންޏެއް އެތެރެކުރެވޭ ހާލަތްތަކުގައި އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި އެ ދޫންޏެއް ނައްތާނުލައި، އެތެރެކުރި ގައުމަށް ފޮނުވާލުމުގެ ފުރުސަތު ދެވޭކަން ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދުގައި ބުނެފައިވެއެވެ.

ނަމަވެސް ފިޝަރީޒް މިނިސްޓްރީން ނިންމާފައިވަނީ އެދޫނިތައް އަނބުރާ ފޮނުވާލުމުގެ ބަދަލުގައި މަރާލުމަށެވެ.