English Edition
Dhivehi Edition

ވަކި ޤައުމަކާއި ދެކޮޅަށް އަޑުއުފުލުމުގެ ނަތީޖާ ވިސްނަން ޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

“އިންޑިއާ އައުޓް” ޙަރަކާތާއި ގުޅިގެން ނުކުންނާނެ ނަތީޖާތައް ބެލުމަށް އެދިވަޑައިގެން 241 ކޮމިޓީއަށް އެމަނިކުފާނު ހުށައަޅުއްވާފައިވާ މައްސަލައާއި ގުޅޭގޮތުން ކޮމިޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ބައިނަލްއަގުވާމީ ގުޅުން ގާއިމް ކޮށްފައިވާ ގައުމުތަކާ ދެކޮޅަށް އިންތިޒާމް ވެގެން ރާއްޖޭގައި ހަރަކާތް ހިންގަން ފަށައިފި ރާއްޖެ އަށް ލިބިދާނެ ގެއްލުމަކީ ކޮބައިތޯ ދެނެގަތުމުގެ ތަސައްވަރެއް އޮންނަން ޖެހޭ ކަމަށެވެ.

“ސިޔާސީ ޕާޓީ ނުވަތަ ވަކި ޝަހުސިއްޔަތަކަށް ފާޑުކިޔިދާނެ. ނަމަވެސް ބައިނަލްއަގުވާމީ ގުޅުން އުފައްދާފައި އޮތް ގައުމަކާ އިދިކޮޅު ހަރަކާތްތަކެއް ހިންގުމުން އެ ގައުމު ދެކޭނެ ގޮތާއި އެ ގައުމުން ދިވެހިންނާ ގުޅޭ ގޮތުން އަމަލު ކޮށްފާނެ ގޮތައް ބަލައި ދިރާސާ ކުރަން ޖެހޭ” ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ އެކަން ކޮމިޓީން ވީހާވެސް ރަނގަޅަށް ބެއްލެވުމަށާއި، އެކަމުގައި ކޮމިޓީން ވިސްނާގޮތް ބަލައި، ދިރާސާއެއް ހެދުމަށް އެދިވަޑައިގަންނަވާފައެވެ. އެކަންކަމުން ލިބިދާނެ ގެއްލުން ދެނެގަނެ، އެކަމުގެ ތަސައްވުރެއް އޮތުމަކީ ބޭނުންތެރި ކަމެއްކަންވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މިފަދަ ކަންކަމުގައި ބޭރު ޤައުމުތަކުން އަމަލުކޮށް އުޅޭ ގޮތް ބެއްލެވުމަށްވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގަންނަވާފައެވެ.

އެ މައްސަލާގައި ކޮމިޓީ މެންބަރުންގެ ހިޔާލު ހޯދުމަށް ހުޅުވާލުމާއެކު ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިނަކީ ގާނޫނުއަސާސީގައި ލިބޭ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގުގެ ތެރެއިން ހިންގާ ހަރަކާތެއް ކަމަށާއި އެ މައްސަލަ ކޮމިޓީ އަށް ބެލޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ނަޝީދު ހުށަހެޅުއްވި މައްސަލަ ކޮމިޓީން ބޭރު ކޮށްލަން ޣައްސާން ހުށަހެޅުއްވި އެވެ. ޣައްސާންގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެވެ. އޭނާ ވިދާޅުވީ އެއީ ސީރިއަސް މައްސަލައެއް ކަމަށާއި ނަމަވެސް މިހާ ހިސާބަށް މިކަން ދިޔައީ ސަރުކާރުން އެއްބަސްވުންތައް ފޮރުވައިގެން ތިބުމުން ކަމަށެވެ.

ޣައްސާން އާއި އުޝާމްގެ އިތުރުން އެ ހުށަހެޅުމާ ދެކޮޅުވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮތް އެ ކޮމިޓީގައި އެ ހުށަހެޅުމަށް ވޯޓަށް އެހުމުން ފާހެއް ނުވި އެވެ.

އެ މައްސަލާގައި އެމްޑީޕީގެ މެންބަރުން މަޝްވަރާ ކުރެއްވީ ދިރާސާގައި ހިމަނަން ޖެހޭ ދާއިރާތަކާއި ސުވާލު ކުރާނެ އިދާރާތަކާ ބެހޭ ގޮތުންނެވެ.