English Edition
Dhivehi Edition

މީގެ ފަސްދުވަސް ކުރިން މަޣުރިބުގެ ވަޅަކަށް ވެއްޓުނު ކުޑަކުއްޖާ ސަލާމަތް ކުރުމަށް ފާއިތުވި 5 ދުވަހު ކުރި ބުރަ މަސައްކަތަކަށްފަހު ރަޔާނާ ކައިރިއަށް ކުއްލި ޙާލަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އާދެވުމުން ދިރިހުއްޓައި އޭނާ ސަލާމަތްކުރުމުގެ އުއްމީދު އައުވިއެވެ. އެހާ ހިސާބުން ކެތްތެރިކަމެއް ނެތި އެމަންޒަރު ދުރާއި ގާތުން ބަލަމުން ދިޔަ އެތަކެއް މިލިއަން މީހުންގެ ހިތްތަކަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިބިގެން ދިޔައެވެ. އެ ސަރަހައްދަށް އެއްވެ ތިބި ގިނަ ބަޔަކު ކުއްޖާ ވަޅުން ނެގުމާ އެކު “الله أكبر” ކިޔައި މާތްﷲ އަށް ޝުކުރު ކުރި މަންޒަރު ވެސް ފެނިގެން ގޮސްފައި ވެއެވެ. މީޑިއާގެ ވަސީލަތްތަކުން ދުރުން މި މަންޒަރު ބަލަން ތިބި ގިނަ ބަޔަކު ނޭވާ ހިފަހައްޓައިގެން ތިބެމެ ވެސް އުފާވެރިކަމުގެ ޝުޢޫރު ފާޅުކުރަމުން ދިޔައެވެ. އެހެނަސް އެންމެންގެ ހިތްތައް ކަރުނައިން ފުރިގެން ދިޔައީ އެންމެންގެ ހީރޯ އަކަށްވި ކުޑަކުޑަ ރަޔާން ހަސްފަތާލަށް ގެންދިޔަތާ ކުޑަ ވަގުތުކޮޅެއްގެ ފަހުން އޭނާ މަރުވެފައިވާކަން އިއުލާން ކުރުމުންނެވެ. މުޅި މަޣުރިބު ކަރައިގެ އިތުރުން މުޅި ދުނިޔެވެސް އެ ހިތާމަވެރި ޚަބަރުން ރޮއްވާލީއެވެ!

ޢުމުރުން ފަސް އަހަރުގެ ރަޔާން އައުރަމު ވެއްޓިފައިވަނީ މަޢުރިބުގެ އުތުރުގައި އޮންނަ ފަތުރުވެރިންގެ މެދުގައި މަޝްހޫރު އަވަށެއްގެ އުސްބިންތަކެއްގައި ހުރި 100 ފޫޓުގެ ފުން އަދި ފުޅާމިނުގައި 45 އިންޗި ހުންނަ ވަޅަކަށެވެ.

ރަޔަންގެ މަންމަ އާއި ޙަވާލާދީ އެ ގައުމުގެ މީޑިއާތަކުން ބުނެފައިވަނީ ކުއްޖާ ވަޅަށް ވެއްޓުނުކަން އެނގުނީ އެ ސަރަހައްދުގައި ކުޅެން އުޅެނިކޮށް ގެއްލިގެން ހޯދުމުންނެވެ. އަދި ގިނަ އިރުތަަކެއްވަންދެން ހޯދި ހޯދމުން އެނގުނީ ރަޔަން އެ ވަޅަށް ވެއްޓިފައިވާ ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ބޭނުންކުރާ ވަޅެއް ނޫނެވެ. އަދި އެ ވަޅުގައި ރަނގަޅަށް މައްޗަށް ޖަހައިފައެއް ނެތެވެ. އަދި ވަޅުގެ ތެރެއަށް ވެއްޓުމާއެކު ކުޑަކުޑަ ރަޔާންވަނީ ހުރިގޮތަށް ވަޅުގެ އެންމެ އަޑިއަށް ވެއްޓިފައެވެ.

ހަނި ދޭތެރެއަކުން އަދި 100 ފޫޓު އަޑިން އެ ކުއްޖާ ނަގަން ކުރަން ޖެހުނު މަސައްކަތް ނާޒުކު ނަމަވެސް ފާއިތުވި ފަސް ދުވަހުގެ ތެރޭގައި ކުއްލި ޙާލަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކުންވަނީ އެ ވަޅު އިތުރަށް ބޮޑުކޮށް އަދި ކޮނެގެން ރަޔާން ސަލާމަތްކުރުމުގެ މަސައްކަތްކޮށްފައެވެ. ނަމަވެސް ބޮޑެތި ހިލަތައް ފޭބުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ޙާދިޘާތަކެއް ހިނގައިފާނެތީ އެ މަސައްކަތަށްވަނީ ބޮޑު ހުރަސްތަކެއް އެޅިފައެވެ. އެ ކުއްޖާ ނެގުމަށް މަސައްކަތްކުރުމުގެ އިތުރުން ކުއްލި ޙާލަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކުންވަނީ އޭނާއަށް ބޭނުންވާނެ ކާއެއްޗިއްސާއި ބޯފެނާއި އޮކްސިޖަން ވަޅަށް ތިރިކޮށްފައެވެ.

ރަޔާން ވެއްޓުނު 100 ފޫޓުގެ ފުންމިނުގެ ވަޅު / ފޮޓޯ: ރޮއިޓަރސް
ރަޔަން ނިޔާވިކަން އިއުލާނު ކޮށްފައި ވަނީ އެގައުމުގެ ރިޔާސީގަނޑުވަރުން ކަމަށް މޮރޮކޯގެ ޗޮއުފް ޓީވީ އިން ވަނީ ބުނެފައެވެ. ރަޔަން ނިޔާވުމާއި ގުޅިގެން މޮރޮކޯގެ ރަސްގެފާން މުހައްމަދު ވަނީ ރަޔަންގެ މަންމަ އާއި ބައްޕައަށް ފޯނުން ގުޅުއްވާ އާއިލާ އަށް ތައުޒިޔާ ދަންނަވާފައެވެ.