English Edition
Dhivehi Edition

އައްޑޫސިޓީގެ ތަރައްގީ އަށް ލޭންޑް ޔޫސް ޕްލޭނާއި ނުލާ ކުރިއަށް ދެވެން ނެތުމުން އެމަސައްކަތް އަވަހަށް ނިންމުމުގެ ގޮތުން ކައުންސިލުން އަމިއްލައަށް ލޭންޑްޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

އައްޑޫގެ ލޭންޑްޔޫސް ޕްލޭން ހެދުމުގެ މަސައްކަތް މީގެ ކުރިން ކައުންސިލުން ހަވާލުކޮށްފައިވަނީ ރިޔަން ޕްރައިވެޓް ލިމިޓެޑާ އެވެ. އެހެންނަމަވެސް ރިޔަން ޕްރައިވެޓް ލިމިޓެޑުން ކައުންސިލާއެކު ހެދި އެއްބަސްވުން އުވާލަން އެދި ކުންފުނިން ވަނީ އެކަން ކައުންސިލަށް ސިޓީއަކުން އަންގާފައެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ނިޒާރު ވިދާޅުވީ ލޭންޑްޔޫސް ޕްލޭން ހަދަން ރިޔަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާތާ މިހާރު ގާތްގަނޑަކަށް އަހަރަކާއި ގާތްވެފައިވާ ކަމަށާއި މަސައްކަތް އަވަސްކުރުމަށް ފާއިތުވި ފަސް މަސްދުވަސްތެރޭ އާދޭސްކޮށްފައިވާނެ ކަމަށެވެ.

އައްޑޫގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ އަމަލީ މަސައްކަތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އެ މަސައްކަތް ހަވާލުކުރި ކުންފުނިން މަސައްކަތް ކުރިއަށް ގެންދިއުމަށް ހެދި އެއްބަސްވުން އުވާލަން ނިންމުމާ ގުޅިގެންނާއި އަދި އައްޑޫގެ ތަރައްގީ އަށް ލޭންޑް ޔޫސް ޕްލޭނާއި ނުލާ ކުރިއަށް ދެވެން ނެތުމުން އަވަހަށް ނިންމަން ކައުންސިލުން ފެށީ ކަމަށެވެ.

“އައްޑޫގެ ބިންތަކުގެ ތަފްސީލުތައް ހިމެނޭ ޗާޓުތައް ކައުންސިލުގައި އެބަހުރި. ލޭންޑް ޔޫސް ޕްލޭން ހެދުމަށް ބޭނުންވާ މައިގަނޑު އަދި އެންމެ ބުރަ މަސައްކަތް މިހާރުވެސް ވަނީ ނިމިފައި. ދެން ކުރިއަށް އޮތީ ބިންތަކާއި މެދު ރައްޔިތުންނާއި މަޝްވަރާ ކުރުމާއި ކައުންސިލުން ނިންމާ ނިންމުންތައް ފައިނަލް ކުރުން . އަމާޒަކީ ލޭންޑް ޔޫސް ޕްލޭނުގެ މަސައްކަތް ދެ މަސް ތެރޭ ނިންމުން” މޭޔަރ ނިޒާރު ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ރައްޔިތުންނާއި ބައްދަލުކުރުން އުނދަގޫ ނަމަވެސް އެހެން ވަސީލަތްތައް މެދުވެރިކޮށް އެ ބައްދަލުވުންތައް ބާއްވާއި މަޝްވަރާ ހޯދާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ. އަދި ކައުންސިލަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކުންފުންޏަކާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި ލޭންޑް ޔޫސް ޕްލޭނުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ ކައުންސިލުން އެންމެ ބޭނުންވާ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ގާނޫނުގައި ވާ ގޮތުން އާ ކައުންސިލްތައް މަގާމާ ހަވާލުވާތާ ތިން މަސްދުވަހުގެ ތެރޭގައި އެ ރަށެއްގެ ލޭންޑުޔޫސް ޕްލޭން އެކުލަވާލަންޖެހެއެވެ. ނަމަވެސް އެލްޖީއޭ އިން ވަނީ ފަހުން އެ މުއްދަތު 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އިތުރުކޮށްދީފަ އެވެ.