English Edition
Dhivehi Edition

ކޮޗިން ކާގޯ ފެރީ އަށް އެއްވެސް ވައްތަރެއްގެ ހަތިޔާރެއް އަރުވާފައި ނުވާނެ ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ބުނެފިއެވެ.

އެމްއެސްއެސް މިހެން ބުނެފައިވަނީ ކޮޗިން ފެރީގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތްކަމަށާއި އެ ފެރީއިން ރާއްޖެއަށް އެތެރެކުރީ ހަތިޔާރުކަމަށް އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ބޭއްވި ޖަލްސާއެއްގައި ހުޅުމާލެ ދާއިރާ މެމްބަރު އިބްރާހިމް ޝުޖާއު، ވިދާޅުވުމާއި ގުޅިގެންނެވެ.

މި ވާހަކަތަކާއި ގުޅިގެން އެމްއެސްއެސް އިން ބުނީ ބޯޓަށް ކާގޯ އަރުވަނީ ކަސްޓަމުންނާއި ބޯޑާ ކޮންޓްރޯލްތަކުން ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ފަހު ކަމަށެވެ. އަދި އެކަންކަން ފުރިހަމަ ނުވާ ނަމަ، ބޯޓަށް އެއްވެސް މުދަލެއް ނޭރުވޭނެ ކަމަށް އެމްއެސްއެސް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްއެސްއެސް އިން ބުނީ ބޯޓު ފުރުމުގެ ކުރިން ބޯޓުގެ މެނިފެސްޓޯއެއް އެމްއެސްއެސްއަށް ލިބޭ ކަމަށާއި، އޭގެއިން ބޯޓަށް އަރާ މީހުންގެ މައުލޫމާތު ލިބޭ ކަމަށެވެ.

އެމްއެސްއެސް އިން ވަނީ ހަތިޔާރު ފަދަ އެއްވެސް ސާމާނެއް ކޮޗިން ފެރީއަށް އަރުވާފައިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައެވެ.