English Edition
Dhivehi Edition

ސަރުކާރުން ކުރިއަށް ގެންދާ ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން، 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަ ރަށެއްގައި ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ފުޓްސެލްދަނޑު ހެދުމަށް ސޮއިކޮށްފައިވަނީ އައްޑޫސިޓީގެ މަރަދޫފޭދޫ، ގއ.ދެއްވަދޫ، ގދ.ނަޑެއްލާ، ލ.ފޮނަދޫ، ތ.ގުރައިދޫގެ އިތުރުން ފުވައްމަލަކު ސިޓީގެ ދިގުވާޑުގައެވެ . ދައުލަތުގެ ބަޖެޓުން އަށް މިލިއަނަށްވުރެން ގިނަ ރުފިޔާ ޚަރަދުކޮށްގެން އަޅާ މިފުޓްސެލް ދަނޑުތަކުގެ މަސައްކަތް ނިންމައި ޚިދުމަތް ދިނުމަށް ޙަވާލުކޮށްފައިވަނީ ސިންޓެކްސް ސޮލިޔުޝަން ޕްރައިވެޓް ލިމިޓެޑާއި އައިއެސް އެފް ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. ދަނޑުތަކުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވެމަށްފަހު ވާހަކަފުޅުދައްކަވަމުން ޔޫތުމިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ މިސޮއިކުރި 6 ދަނޑަކީ ރައްޔިތުންގެ ވަރަށްބޮޑު އެދުމާއިކު ހެދުމަށް ހަމަޖެހިފައިވާ ދަނޑުތަކެއްކަމަށެވެ. އަދި މިއީ ކުޅިވަރާބެހޭ މެނިފެސްޓޯ ތަންފީޒް ކުރުމުގެ މުހިންމު މަސައްކަތްތަކެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ، ފުޓްސަލް ދަނޑުތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، އާބާދީއާއި ވަސީލަތްތަކައް ބަލާފައި އެންމެ މުހިއްމު ތަންތަން ފާހަގަކުރުމަށް ފަހު ކަމަށެވެ. “މި ލިސްޓުގައި ހިމެނޭ 8 ފުޓްސަލް ދަނޑަކީ ވަރަށް ބޮޑަށް ޒުވާނުންނާއި އެ ދާއިރާތަކުގެ ރައްޔިތުންގެ އިހްސާސް ދެނެވަޑައިގެން، އަޅުގަނޑާއެކު މި ތިއްބެވި މެންބަރުން ވަރަށް ބޮޑަށް މަސައްކަތްކުރައްވައިގެން އަދި އެބޭފުޅުންގެ އެއްބާރުލެއްވުމާއެކު މި މަސައްކަތް ކުރިއަށް މިދަނީ،” މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، މަސައްކަތާ ހަވާލުވި ފަރާތުން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފުޓްސަލް ދަނޑުތައް އަޅައި ނިންމުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ދާއިރު، އެ ދާއިރާތަކުގެ ރައްޔިތުންވެސް އެކަމަށް ފުރިހަމަ އެއްބާރުލުން ދެއްވައި، މި ފަދަ މަޝްރޫއުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ޖުމުލަ 6 ދަނޑެއްގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ދާއިރާތަކުގެ ރައްޔިތުން މަޖިލީހުގެ މެންބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މެންބަރުންގެ ވާހަކަފުޅުގައި ރައީސް ޔާމީންގެ ސަރުކާރުން ޒުވާނުންގެ ތަރައްޤީއަށާއި ކުރިއެރުމަށް ކުރަވަމުންގެންދަވާ މަސައްކަތް ފާހަގަކުރެއްވިއެވެ. ސަރުކާރުން ހިންގާ ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 80 އަށްވުރެ ގިނަ ބަށި ކޯޓާއި 40 އަށްވުރެ ގިނަ ވޮލީކޯޓު ތަރައްގީ ކުރެވިފައެވެ. އަދި މުޅިން އަލަށް 21 ރަށެއްގެ ޒުވާނުންގެ މަރުކަޒު ނިންމައި 24 ރަށެއްގައި ޒުވާނުންގެ މަރުކަޒު ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރުދަނީ ކުރެވެމުންނެވެ. މީގެ އިތުރުން، މެނިފެސްޓޯއާއި އެއްގޮތަށް 50 ފުޓުސެލް ދަނޑެއްގެ މަސައްކަތް ނިންމާފައިވާއިރު 90 ދަނޑެއްގެ މަސައްކަތް މިހާރުވެސް ގެންދަނީ ކުރައްވަމުންނެވެ. ޔޫތު މިނިސްޓްރީގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް މެނިފެސްޓޯގައި ހިމެނޭ 80 ޕަސެންޓް ދަނޑުގެ މަސައްކަތް ނިންމުމެވެ.