English Edition
Dhivehi Edition

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ އެންމެ ފަހުގެ ޗެމްޕިއަން އަލްޖީރިއާ ރޭ އިކުއޭޓްރަލް ގިނީ އަތުން ބަލިވެއްޖެއެވެ.

އިކުއޭޓްރަލް ގިނީ އަތުން އަލްޖީރިއާ ބަލިވީ 1-0 ގެ ނަތީޖާއިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށް ވެސް ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް އެއްވެސް ޓީމަކަށް އެ ފުރުސަތުތަކުގެ ބޭނުން ހިފޭގޮތް ވަނީ ނުވެފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ.

މި މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު އިކުއޭޓްރަލް ގިނީން ކާމިޔާބު ކުރީ މެޗުގެ 70 ވަނަ މިނިޓްގަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މިރާންޑާ ބޮއާޗޯ ދިން ބޯޅަ އަކުން އެސްޓަބަން އޮބިއާންއެވެ.

ރޭގައި އިކުއޭޓްރަލް ގިނީ އަތުން ވި ބައްޔާއި އެކު އަލްޖީރިއާ ވަނީ އެޓީމު ހިމެނޭ ގްރޫޕް އީގެ އެންމެ ފުލައް ވެއްޓިފައެވެ. އެންމެ ފުލުގައި އަލްޖީރިއާ އޮތީ އެއް ޕޮއިންޓް ހޯދައިގެންނެވެ. އަލްޖީރިއާ މުބާރާތުގެ ދެވަނަ ބުރަށް ދާން ބޭނުން ނަމަ އެޓީމުން ޖެހޭނީ ދެން އައިވަރީ ކޯސްޓާއި ދެކޮޅަށް ކުޅޭ މެޗުން މޮޅެއް ހޯދާށެވެ. މި މެޗަކީ އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅެން ޖެހޭ އެންމެ ފަހު މެޗެވެ.